ހަކުރު ބަލި ހުންނަ މީހުން ކޮންމެ ދުވަހަކު ވެސް ޖަހަން ޖެހޭ އިންސުލިން '' ގްލާޖިން'' މުޅި ރާއްޖެއިން ހުސްވެއްޖެ އެވެ. 

ރާއްޖެއެމްވީ އަށް އިތުރުބާރު ހުރި ފަރާތަކުން ވިދާޅުވީ، ގްލާޖިން އިންސިއުލިން ހުސްވެފައިވާ ކަމަށާއި، އެސްޓީއޯ ފަރމަސީން ނުލިބޭ ކަމަށެވެ. އަދި ވިދާޅުވީ އެ ލިބޭ ދުވަހެއް ވެސް ނޭނގޭ ކަމަށެވެ. 

މިމައްސަލަ މީގެ ދެ މަސް ކުރިން ވެސް ދިމާވިކަން ފާހަގަކޮށް އޭނާ ވިދާޅުވީ މިއީ ހަކުރު ބަލި ތަހައްމަލް ކުރާ މީހުންނަށް ދެވޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށާއި، އެމީހުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅޭ ކަމެއް ކަމަށެވެ. އަދި މި އިންސުލިން ރާއްޖެއަށް ހަމައެކަނި އެތެރެ ކުރަނީ އެސްޓީއޯ ފަރމަސީން ކަމަށްވާތީ، އެހެން އެއްވެސްތާކުން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، ގްލާޖިން އިންސިއުލިން ލިބުމުގައި ލަސްތަކެއް ކުރިމަތިވީ ޝިޕްމަންޓް ކްލިއަރ ކުރުމުގައި ލަސްތަކެއް ކުރިމަތިވެގެން ކަމަށެވެ.

މިމައްސަލައާ ގުޅިގެން އެކަން ދޮގުކޮށް އެސްޓީއޯ އިން ބުނީ، މިވަގުތު ސްޓޮކް އެބަހުރި ކަމަށާއި، ހުސްވެފައި ހުރި ފާމަސީތަކަށް ސްޓޮކް ޑެލިވަރ ކުރަމުންދާ ކަމަށެވެ. އަދި އިތުރު ޝިޕްމަންޓެއް ވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް އެސްޓީއޯން ބުނެ އެވެ.

މީގެ އިތުރުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަކުރު ބަލީގެ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި، މި ބައްޔަށް ހޭލުންތެރި ކުރުމުގެ އެކިއެކި މަސައްކަތްތައް ކުރަމުން ގެންދާ ޖަމިއްޔާއެއް ކަމުގައި ވާ ޑައިބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސް އަށް ފައިސާ ނުލިބޭތީ ހިންގުމަށް ވަނީ ދަތިވެފައެވެ. މިހެން ދިމާވެގެން އުޅެނީ، ޖަމިއްޔާތައް ހިންގުމަށް ސަރުކާރުން ދޫކުރާ ފައިސާ ފެބްރުއަރީ މަހުން ފެށިގެން ދޫކޮށްފައިނުވާތީ އެވެ.