ޤާނޫނުއަސާސީއާ، ދިވެހިރާއްޖޭގެ ދުސްތޫރަށް ޕީއެންސީއާ
ސަރުކާރުން ދެމުން އަންނަ ޙަމަލާތަކަށް ރައްޔިތުން ފާޅުގައި ނޫނެކޭ ބުނެފައިވާކަމަށް ގަލޮޅު
ދެކުނު ދާއިރާގެ މެމްބަރު މިކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ބިމާ ބެހޭ
ޤާނޫނަށް ހުށަހެޅިފައިވާ އިސްލާޙަށް ބަހުސް ކުރައްވަމުންނެވެ. އެގޮތުން އެ
އިސްލާޙަކީ މައިމުޅަވާ ދަރިންގެ މެދުގައި ބަންޑާރަ ބިމުން ލިބިދެވޭ ގޮތް ހެދުމަށް
ހުށަހަޅުއްވާފައިވާ އިސްލާޙެކެވެ.
މައިމުޅަވުމަކީ އަންހެން ދަރީގެ ދަރިންނަށް
ވާރުތަމުދާ ނުލިބޭ ގޮތް ވުމެވެ. އެގޮތުން އެ ޙާލަތު ދިމާވާނީ ބައްޕަ ނުވަތަ މަންމަ
ދުނިޔޭގައި ހުއްޓައި އަންހެން ދަރިފުޅު މަރުވާއިރު އޭނާގެ ދަރިން ތިބުމެވެ. އެ
ޙާލަތުގައި މައިމުޅަވުމޭ ކިޔަނީ މި ގޮތް ދިމާވުމުން އަންހެން ދަރީގެ ދަރީން، ކާފަ
ނުވަތަ މާމަގެ މުދަލުން މަޙުރޫމު ވާތީ އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު
ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
އެ އިސްލާޙަށް ވާހަކަ ދައްކަވަމުން މީކާއީލް
ވިދާޅުވީ، ބޮޑު އިންތިޚާބަކަށް ފަހު މަޖިލީހުގެ ޖަލްސާތައް އަނެއްކާ ވެސް ފެށިފައިވާ
ކަމަށާއި، ނަމަވެސް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ވިސްނުން
އަދިވެސް ހުރީ ކުރިން ހުރި ގޮތަށް ކަމަށެވެ. ސަބަބަކީ މައިމުޅަވާ މީހުންނަށް
ދިމާވާ މައްސަލަ ޙައްލުކޮށް ދިނުމަށް އެމްޑީޕީގެ ފަރާތުން ބިމާ ބެހޭ ޤާނޫނަށް
އިސްލާޙު ހުށަހެޅުމުން އެ މައްސަލައަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ސިޔާސީ
މަންފާ ހޯދަން ސަރުކާރުގެ މެމްބަރުން ވާހަކަ ދައްކަވަމުން ގެންދިއުމެވެ.
މިކާއީލް ވިދާޅުވީ، ޕީއެންސީގެ މަޖިލިސް މެމްބަރުން
މިއަދު ނުކުންނަމުންދަނީ ދިވެހި ރައްޔިތުން ކަނޑައެޅިގެން "ރިޖެކްޓް
ކޮށްފައިވާ" އަދި ނޫނެކޭ ބުނެފައިވާ ސިޔާސަތުތަކެއްގެ ދިފާއުގައި ކަމަށާއި، ޤާނޫނުއަސާސީއާ،
ދިވެހިރާއްޖޭގެ ދުސްތޫރަށް ޕީއެންސީއާ ސަރުކާރުން ދެމުން އަންނަ ޙަމަލާތަކަށް ވެސް
ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ދެން ވެސް ސަރުކާރުން ކުރަންވީ ކަމަކީ
އެ ސިޔާސަތުތައް ބަދަލުކޮށް ކަންކަން އިސްލާޙު ކުރުންކަން މީކާއީލް ފާހަގަ
ކުރެއްވި އެވެ.
ރައްޔިތުން ރިޖެކްޓް ކޮށްފައިވާ، ރައްޔިތުން ކަނޑައެޅިގެން ނޯ ޖަހާފައިވާ ސިޔާސަތުތަކެއްގެ ދިފާއުގައި ޕީއެންސީގެ މަޖިލިސް މެމްބަރުން ނުކުންނަވާ މަންޒަރު އަޅުގަނޑުމެންނަށް އަނެއްކާ ވެސް ތަކުރާރުވެގެން މި އަންނަނީ، މި ރާއްޖޭގެ ރައްޔިތުން ބުނަމުން އައި އެއް ވާހަކައަކީ ޤާނޫނުއަސާސީއާ، ދިވެހިރާއްޖޭގެ ދުސްތޫރަށް ޕީއެންސީއާ ސަރުކާރުން ދެމުން އަންނަ ޙަމަލާތަކަށް ނޫނެކޭ، އިއްޒަތްތެރި ރައީސް ލޯކަލް ކައުންސިލް އިންތިޚާބެއްގައި 70 އިންސައްތަ ރައްޔިތުން ނުކުމެ ނޫނެކޭ ބުނީމާ އެ އޮތީ ނޫނެކޭ ބުނެފައި. އެހެންވީމާ އެކަން ހަޖަމުކޮށް، އެކަން ޤަބޫލުކޮށް ދެން ވެސް ސިޔާސަތުތައް ބަދަލުކުރުން އެއީ ސަރުކާރުން ކުރަންވީ ކަމަކީ.ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
މީކާއީލް އިތުރަށް ވިދާޅުވީ، މިހާތަނަށް ސަރުކާރުން އަމަލު ކުރަމުން އައި ގޮތާއި،
ސިޔާސަތުތައް ބައްޓަން ކޮށްފައިވާ ގޮތާމެދު ރައްޔިތުން ތިބީ ނުހަނު ނުރުހިފައި
ކަމަށެވެ. ވަކިން ޚާއްސަކޮށް ޕީއެންސީގެ މެމްބަރުން ސަރުކާރުގެ ޕަޕެޓުންގެ
ގޮތުގައި ތިބެ ކުރި ހުރިހާ ކަމަކަށް ވެސް ރައްޔިތުން މިހާރު ނޫނެކޭ ބުނެފައިވާކަން
މީކާއީލް ވަނީ ފާހަގަ ކުރައްވާފަ އެވެ.