މި ސަރުކާރަށް 2 އަހަރާ ބައިވެ، 3 އަހަރު ވަމުންދާއިރު، ރައްޔިތުންނަށް ކަމެއް ކޮށްދެވިފައި ނުވާކަން ރައްޔިތުން ދައްކާ، މި ސަރުކާރަށް 148،000 އަށް ވުރެ ގިނަ ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީ މެންބަރުން ވަނީ އިދިކޮޅު އެމްޑީޕީގެ ސަރުކާރު އޮތް އިރު ކަންކުރި ގޮތުގެ ވާހަކަ ދައްކަވާފަ އެވެ. އަދި އެމްޑީޕީ ގެ ސަރުކާރުން މަސްވެރިންނަށް އިހުމާލުވެފައިވާ ކަމަށާ މަސްވެރިންނަށް ފައިސާ ދިނީ ވެސް ޕީއެންސީ އިން ސަރުކާރާ ހަވާލު ވުމަށްފަހުގައި ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

އެކަމަށް ރައްދުދެއްވައި ނާޒިލް ވިދާޅުވީ ޕީއެންސީގެ މެންބަރުން އެމްޑީޕީ އޭ ކިޔައިގެން ވާހަކަދައްކަވަނީ  މިއަދު ބޮޑުތަނުން ބަލިވެ، ނިކަމެތިވެ، އަޅުންނަށް ވެފަ ތިބީމަ ކަމަށެވެ. އެފަދަ ހާލަތެއް އައުމުން  ދައްކާނެ ވާހަކަތައް ވަރަށް ގިނަ ވާނެ ކަމަށާ ނަމަވެސް ޕީއެންސީ އަށް އެމްޑީޕީގެ ކަންކަން ނޭނގޭނެ ކަމަށެވެ. 

މަސްވެރިންނަށް ފައިސާ ދިނީ ޕީއެންސީ އިން ކަމަށް މެންބަރުން ދެއްކެވި ވާހަކައަށް ރައްދުދެއްވައި ނާޒިލް ވިދާޅުވީ މަސްވެރިންނަށް ފައިސާ ދިނީ އޭރު ކޯލްޑް ސްޓޯރޭޖްގައި ހުރި މަސް ވިއްކުމަށްފަހު އެއަށްވާ ފައިސާ އިން ކަމަށެވެ.

އެމްޑީޕީގެ ވެރިކަން ނިމުނު އިރު ކޯލްޑް ސްޓޯރޭޖްގައި ހުރި މަސް ވިއްކާ އެއަށްވާ ފައިސާ ދިން އިރު އެއީ މަސްވެރިންގެ ހައްގެއް ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ. 

މަސްވެރިންގެ ހައްގު، މަސް ބާނާފަ އެ ކޯލްޑް ސްޓޯރޭޖްގަ ހުރި އެތިކޮޅު ވިއްކާފަ އެ ލާރިކޮޅު ލިބުނީމަ އެ ލާރިކޮޅު ދިނީ. މިއީ ހާލަތު. ނޭނގެންޏާ ނޭނގޭ ވާހަކަ ނުދައްކާނީ. ތިމަންނައަށް އެނގޭކަހަލަ ވާހަކަ ދައްކާނީ. މަސްވެރި ވާހަކަ ނުދައްކާނީ. ދައްކަން އެނގޭ އެހެން ވާހަކަ ހުންނާނެ. އެވާހަކަ ދެއްކިއްޔާ މާ ރަނގަޅު. ޑިވެލޮޕްމަންޓް ބޭންކެއް ހަދައިފި. ވީކަމެއް ހާރަމުން ހަރާން. ވަން ތަނެއް، ދޮރު ވެސް ނުުހުޅުވާ. ކޯޗެއްތޯ ޑިވެލޮޕް ކުރެވުނީ. ވެރިކަމަށް އައިތާ 2 އަހަރާ ބައި 3 އަހަރު ވަމުންދަނީ ރައްޔިތަކަށް ކަމެއް ކޮށް ނުދެވޭ ކަން ރައްޔިތުން އެއޮތީ ދައްކަދީފަ. ނޫނެކޭ ބޮޑުތަނުން 148،000 އެތައް ބަޔަކު އެއޮތީ ނޫނެކޭ ބުނެފަ. ނޫނެކޭ.. ދެން ފައިބައިގެން ދޭ...ދެން ލަލަލާ. 
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް

ނާޒިލް ވިދާޅުވީ ތަޅުމުގައި ދައްކަވަން ވާނީ އެ މެންބަރަކަށް ކަމުގެ ހަގީގަތް އެނގިވަޑައިގަންނަވާ ކަންކަމުގެ ވާހަކަ ކަމަށެވެ. މިއަދު މި ސަރުކާރަށް 3 އަހަރު ވަމުންދާއިރު، ރައްޔިތަކަށް ކޮށްދެވުނު ކަމެއް ނެތް ކަމަށާ، ކަމެއް ކޮށް ދެވިފައި ނުވާކަމަށް ރައްޔިތުން ބުނެފައިވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. އެގޮތުން އެތައް ބަޔަކު މި ސަރުކާރަށް ނޫނެކޭ ބުނުމުން އެކަމުގެ ހެއްކަކަށް ފުދޭ ކަމަށް މެންބަރު ވިދާޅުވި އެވެ.