ބަރުދަން ލުއިކޮށް، ހަންގަނޑު ރީތި ކުރުމަށާއި ޖިންސީ ކަންކަމުގައި ބޭނުން ކުރާ ބޭސް ހުއްދަ ނުނަގާ އެތެރެކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި އެވެ. 

އާދިއްތަ ދުވަހު އެމްއެފްޑީއޭ އިން ބުނީ، ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށާއި، ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށާއި (މަސަލް ބިލްޑް)، ހަންގަނޑު ރީތި ކުރުމަށާއި، ޖިންސީ ކަންކަމުގައި ބޭނުން ކުރުމަށް، އެކިއެކި ނަންނަމުގައި، ބޭސް އިމްޕޯރޓް ކުރާ ކަމަށެވެ.

މި ބޭސްތައް ވިއްކުމަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި އިމްޕޯރޓްކޮށް، އެކިއެކި ކްލެއިމްތައްކޮށް، އޮންލައިން މަސްދަރު ތަކުގައާއި ބައެއް އާއްމު ފިހާރަ ތަކުން ވެސް އިޝްތިހާރުކޮށް  ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އަދި ޑޮކްޓަރެއްގެ އިރުޝާދާއި ނުލައި މިފަދަ ތަކެތި ގަނެ، ބައެއް އާއްމުފަރާތް ތަކުން މިފަދަ ތަކެތި ބޭނުން ކުރަމުން ގެންދާ ކަމަށް އެއޮތޯރިޓީން ބުންޏެވެ. 

އެމްއެފްޑީއޭ އިން ބުނީ، މިގޮތަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި ވިއްކާ ބޭސްތަކަކީ އެ އޮތޯރިޓީގެ ފަރާތުން އެއްވެސް ގޮތަކަށް އޭގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކޮށްފައިވާ ބޭސްތަކެއް ނޫން ކަމަށެވެ.

އެހެންކަމުން، މިފަދަ ބޭސް ބޭނުންކުރުމުގެ ސަބަބުން އާއްމު ސިއްހަތަށް ނުހަނު ބޮޑެތި ގެއްލުން ތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. 

އެގޮތުން ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުން ފަދަ ހިތާމަވެރި ހާދިސާ ތަކުގެ އިތުރުން ކުއްލި މަރަށް ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށް އެމްއެފްޑީއޭ. އިން ބުންޏެވެ. 

މިފަދަ ބޭސް ތަކަކީ ހަމަ އެކަނި ހުއްދަ ނަގައިގެން ހިންގާ ފާރމަސީ ތަކުގައި، މިބޭސްތަކަށް ނަގަން ޖެހޭ ހުއްދަ ނަގައިގެން ވިއްކޭނެ ތަކެތި ކަމުގައި ވެސް އާއްމުކޮށް އަންގާ އިއުލާން ކުރާކަން ފާހަގަކޮށް އެމްއެފްޑީއޭ. އިން ބުނީ، ހުއްދަ ނުނަގައި އިޝްތިހާރުކޮށް ވިއްކާ މިފަދަ ޕްރޮޑަކްޓްތައް މާރކެޓުން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެ އޮތޯރިޓީން ބުނީ، ހުއްދަނެތި ބޭސް އިމްޕޯރޓްކޮށް، ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކާއި މެދު ބޭހާއި ބެހޭ ގަވާއިދު އަދި ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. 

އެމްއެފްޑީއޭއިން މިފަދަ އިންޒާރެއް ދިންއިރު،  19 ޖެނުއަރީ 2026 ގައި ވެސް ހުއްދަ ނުހޯދާ ބަރުދަން ލުއިކުރާ ބޭސްފަދަ ބޭސްތައް ވިއްކަމުންދާކަން ފާހަގަކޮށް އެފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވެ އެވެ.