މަޖިލިސް މެމްބަރުންނަށް މިނިވަންކަމާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅު ނުކުރެވުމަކީ ސަރުކާރުގެ ނާކާމިޔާބީގެ އަސްލު ސަބަބުކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

މެމްބަރު ޒިޔާދު އެފަދައިން ވިދާޅުވީ ބިމާބެހޭ
ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ޒިޔާދު ވިދާޅުވީ، މި ބިލަށް ޖުމުލަކޮށް ތާއީދު
ކުރައްވާ ކަމަށާއި، ނަމަވެސް ބިލާމެދު ކަންބޮޑުވާ ކަންތައްތަކެއް ވެސް އެބަހުރި
ކަމަށެވެ. އެކަންކަމަށް ކޮމިޓީ މަރުޙަލާގައި ފުންކޮށް ވިސްނައި ބަދަލުތައް ވެސް ގެނެވޭނެކަން
ޒިޔާދު ފާހަގަ ކުރެއްވިއެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ، މި ބިލު ހުށަހެޅިގެން
ދިއުމާއެކު ސަރުކާރުގެ ފަރާތުން ވެސް މިފަދަ ބިލެއް ހުށަހަޅަން ނިންމާފައިވާކަން ތަޅުމުގައި
ހާމަވެގެން ގޮސްފައިވާ ކަމަށާއި، އަބަދު ވެސް ކަންކަން ހިނގަނީ އެ މަގުން ކަމަށެވެ.

މީގެ އިތުރުން، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ
ގުޅިގެން ތަޅުމުގައި ޕީއެންސީގެ މެމްބަރުން ދެއްކެވި އެކި ވާހަކަތަކާ ގުޅޭގޮތުން ޒިޔާދު
ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ހިޔާ ފްލެޓުގެ މަޝްރޫއު ކުރިއަށް ދިޔައިރު
އޭރު މައްސަލަތަކެއް ދިމާވި ކަމަށާއި، އޭރު ހައުސިންގ މިނިސްޓަރަކަށް ހުންނެވީ
ކާކުކަން ރައްޔިތުން ވެސް ދަންނާނެ ކަމަށެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ، މިއަދު ކަން ހިނގައި ދިޔަ ގޮތް ޤަބޫލު ނުކޮށް ކޮންމެ ބޭފުޅަކު ވެސް ތިމަންނާ މި ހުރީ ރައީސާއެކު ގަދަކޮށް
ކަމަށް ބުނެ ޕޯސްޓު ޖެހުމަކުން ކަންކަން ޙައްލެއް ނުވާނެ ކަމަށެވެ. އެގޮތުން
އިންތިޚާބުގެ ނަތިޖާއަކީ ޤައުމުގައި ވަރަށް ގިނަ ކަންކަން ގޯހުން ގޮސްފައިވާކަމުގެ
ހެއްކެއްކަމަށް ޒިޔާދު ވިދާޅުވިއެވެ.

އަޅުގަނޑު މިއަދު ޤަބޫލުކުރަނީ މިއަދު ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ ކަން ހިނގާ ދިޔަ ގޮތް ރައީސުލްޖުމްހޫރިއްޔާއަށް ރީތި ސާފު ބަހުން ބުނެދިނުން، އޭގެ ބަދަލުގައި ތިމަންނާ މި ހުރީ ރައީސާއެކު ގަދަކޮށޭ ޖަހާފައި ޕޯސްޓެއް ޖެހުމަކުން އަދި އިއްޒަތްތެރި ރައީސް މިކަން ހައްލެއް ނުވޭ، މި ޤައުމުގައި ވަރަށް ގިނަ ކަންކަން ގޯހުން ދިޔަކަމުގެ ނަތީޖާ މި އިންތިޚާބުގެ ނަތީޖާއަކީ، އެހެންވީމާ ރައީސާއެކު ހެޔޮ ނިޔަތުގައި ގަދަކޮށް ތިބި މީހުން ރައީސަށް ބުނެދެންވީ ގޯސްވީ ހިސާބުތައް.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

މީގެ އިތުރުން، ރައީސަށް އިންތިޚާބުތައް ގެއްލެން
މެދުވެރިވި އެއް ސަބަބަކީ މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ ތެރޭގައި
މިނިވަން މެމްބަރުން ނެތުންކަން ފާހަގަ ކުރައްވައި ޒިޔާދު ވިދާޅުވީ، ސަރުކާރަށް ހެދެމުންދާ
ގޯސްތަކުގެ ވާހަކަ މެމްބަރުންނަށް ނުދެއްކުނީ ޕާޓީން ފިޔަވަޅު އަޅާފާނެ ކަމުގެ
ބިރާހެދި ކަމަށެވެ.

އެހެންކަމުން އެ ގޯސްތަކަށް ނުރުހޭތީ ރައްޔިތުން ވޯޓުން
އެކަން ދެއްކީކަން ޒިޔާދު ފާހަގަ ކުރެއްވިއެވެ.

ޒިޔާދު ވިދާޅުވީ، މަޖިލީހުގައި ރައްޔިތުންނާއި ދާއިރާގެ
ޙައްޤުގައި ބަސްބުނެވޭ މިންވަރަށް ސަރުކާރު މެމްބަރުން މިނިވަންވާން ޖެހޭ ކަމަށާއި،
އިންތިޚާބުތައް ގެއްލުނީ އެހެން އެކަން ނުވުމުގެ ސަބަބުން ކަމަށެވެ.

ބޭސް ނެތިގެން އެ ވާހަކަ އަޅުގަނޑުމެން ކިތަންމެ ފަހަރަކު މި މަޖިލީހުގައި ދެއްކިން، އެހެންނަމަވެސް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އެ ދުވަހު މަޖިލީހުގައި ވިދާޅުވީ އަޅުގަނޑުމެންނަށް ބޭސް ލިބެއޭ، އެކަމަކު ވޯޓުގެ ނަތީޖާއިން އެ އެނގުނީ އިއްޒަތްތެރި ރައީސް ބޭސް ނުލިބޭކަން އެ ދާއިރާގެ ރައްޔިތުންނަށް.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

ޒިޔާދު ވަނީ މަޖިލިސް މެމްބަރުން ދާއިރާގެ ރައްޔިތުންގެ
ޙައްޤުގައި ބަސް ނުބުނާނަމަ ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުން ނޫނެކޭ
ބުނާނެކަން ފާހަގަ ކުރައްވާފައެވެ.