ކ. ހުރާގައި މީހުން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 13 އެޕްރީލް 2026 ވަނަ ދުވަހުގެ ދަންވަރު 01:18 ހާއިރު އެވެ.
ފުލުހުން ބުނީ، އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިންވާލެވުނުއިރު، އެގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ހާދިސާގެ ސަބަބުން ނަފްސާނީގޮތުން އަސަރުކުރި ދިވެހި އަންހެނަކަށް ހުރާ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެއަށް ގެނެސްފައިވާ ކަމަށެވެ.
މީގެ އިތުރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ހާދިސާގައި އެއްކޮށް އަނދައިގެން ދިޔަ ގޭގައި ޖުމްލަ 15 މީހުން ދިރިއުޅެމުން ގެންދިޔަ ކަމަށާއި، އެމީހުންނަށް ކައުންސިލްއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަަމަށެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ސަބަބު ހާމަކޮށްފައިނުވާއިރު، މިކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.