މާލޭގެ ރައްޔިތުންނަށް ހަގީގީ ހިތްހަމަޖެހުމެއް ހޯދައިދިނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބިމާ ބެހޭ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވާފައިވާ ބިލުގެ އިބްތިދާއީ ބަހުސް ވަނީ ކުރިއަށް ގެންގޮަސްފަ އެވެ. އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު އައްބާސް ވިދާޅުވީ ދިވެހިރާއްޖޭގައި، ބޯހިޔާވަހިކަން ވިޔަސް، ނުވަތަ އެކަނިވެރި މައިންގެ ހައްގުތައް ކަމަށް ވިޔަސް، ރައްޔިތުންނަށް މިއަދު ލިބެމުންދާ ހުރިހާ ހައްގެއް ތާއަރަފު ކޮށްދިން ބަޔަކީ އެމްޑީޕީ ކަމަށެވެ. 

އެކަމަކާ ދެބަސް ނުވެވޭނެ ކަން ފާހަގަ ކުރައްވައި މެންބަރު ވިދާޅުވީ ދިވެހިރާއްޖޭގައި ބޯހިޔާވަހިކަމަށް ފްލެޓް އެޅީވެސް އެމްޑީޕީ އިން ކަމަށެވެ. އޭގެ ފަހުން އެކަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށާއި ފަޅެއް ހިއްކައި އެތަނުގައި 50،000 ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތް ހަދައި މާލެއާއި ހުޅުމާލެ އާ ގުޅުވައިދޭނެ ބޮޑު ބްރިޖެއް އެޅީ ވެސް އެމަނިކުފާނު ކަމަށެވެ. 

އައްބާސް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ގޯސްކޮށް ކަންތައް ކުރީމަ ރައްޔިތުން ވެރިކަމަށް އައުމަށް ވޯޓު ދީގެން ގެނައި ޕީއެންސީގެ މި ސަރުކާރުން އަމަލު ކުރަނީ އަދި މާ ގޯސްކޮށް ކަމަށެވެ. އެމްޑީޕީގެ ސަރުކާރުން އަޅާ ނިންމާފައިވާ 4000 ފްލެޓްތައް މި ސަރުކާރުން ދީފައިވަނީ ސައްތައިން ސައްތަ ހައްގުވެރިންނަށް ތޯ މިއަދު ސުވާލު އުފައްދަން ޖެހޭ ކަމަށެވެ. އެގޮތުން ދެމަފިރިންނަށް ވެސް ފްލެޓް ދީފައިވާއިރު މަންމަ އާ ދަރިފުޅަށް ވެސް ފްލެޓް ދީފައިވާ ކަމަށެވެ. އޭގެ އިތުރުން ގެދޮރާ ބިމާ ހުރި މީހުންނަށް ވެސް ފްލެޓް ދީފައިވާއިރު ޕީއެންސީ އަށް މިއަދު އެވާހަކަ އެހެން ނުދެއްކޭނެ ކަމަށް އައްބާސް ވިދާޅުވި އެވެ.  

އެ ވިދާޅުވި ކަނޑުންނާ ފަޅުންނާ އަދި ކޮންމެ ތާކުން ބިމާ ގޯއްޗާ ދީފަ ހުރި ނަމަވެސް މާލެ ސިޓީ އޭރިޔާގެ ރައްޔިތުންނަށް އެ ވިދާޅުވި ގޮތަށް އެ ލިސްޓު ތައްޔާރު ކޮށް އެކަންކަން ކުރެއްވީމަ މި ސަރުކާރުން އެ ގޯތިތަކާ އެ ފްލެޓުތަކާ އެ ފަޅުތަކުން އެ ދެވުނީ. މާލޭގެ ރައްޔިތުންނަށް ހަގީގީ ހިތްހަމަޖެހުމެއް ހޯދަދިނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން. އެކަން ޖެހޭނީ ގަބޫލު ކުރަން. ހަޖަމުވިޔަސް ނުވިޔަސް. ހަޖަމުކުރަން ޖެހޭނީ. 
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް

މެންބަރު ވިދާޅުވީ މިއަދު ޕީއެންސީ ސަރުކާރުން ރިޝްވަތުގެ ހުތުރު ފައިސާ ބަހަނީ ގާނޫނުތައް ނެތިގެން ނޫން ކަމަށެވެ. ނުވަތަ ގާނޫނު ތަކަށް އަމަލު ނުކުރަނީ ވެސް، ގާނޫނު ތަންފީޒު ނުކުރަނީ ވެސް ގާނޫނުތައް ނެތިގެން ނޫން ކަމަށް މެންބަރު ވިދާޅުވި އެވެ.

މެންބަރު އައްބާސް ވަނީ މެންބަރު ކުޑޫ ހުށަހެޅުއްވި ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ތާއީދު ކުރައްވާފަ އެވެ. އަދި ކޮމިޓީ މަރުހަލާގައި އެ ބިލަށް އިސްލާހު ގެނެސް، އެ ބިލު އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.