ނަލަހިޔާ ރެޒިޑެންސް އެޕާޓްމަންޓަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހން ބުނީ 2026 މާރިޗު 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅުނު، މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.
މި ވައްކަމުގައި ޖުމުލަ 4،000،000 ދިވެހި ރުފިޔާ ވަގަށް ނަގާފައިވެ އެވެ. އެ ފައިސާގެ ތެރެއިން ހޯދިފައި ވަނީ 50،000 ދިވެހި ރުފިޔާ އެވެ.
މި މައްސަލާގައި ފަސް މީހަކަށް ތުހުމަތު ކުރެވެ އެވެ. އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، މިވަގުތު ބަންދުގައި ތިބި އިރު، އެކަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކަސްތޫރިމާގެ / ޅ.ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ) އާއި މޫންލައިޓްވިލާ / ސ.މީދޫ، މުޙައްމަދު އަފްރާޙް (40އ) އާއި ދާރުލް އައްވަލް / ރ.މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ) އަދި މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ) އެވެ.
މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.