ރަމަޟާން މަހު ބައެއް މުދަލުގެ އަގު ބޮޑުވާ ކަމަށާއި ތެޔޮ އަގުބޮޑުވުމުގެ މައްސަލައަކީ އެގޮތަށް ދިމާވާ މައްސަލައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތެލުގެ އަގު އުފުލުމުގެ މައްސަލައަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ތެޔޮ ވިއްކަނީ ހަމައެކަނި އެސްޓީއޯ އިން ނޫން ކަމަށާއި އެ ވިޔަފާރީގައި އަމިއްލަ ފަރާތްތައް ވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ތެޔޮ ވިއްކާ އަގުތަކަށް ބަދަލު އަންނަމުންދާ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މުޅި ރާއްޖޭގެ ހުރިހާ ހިސާބަކުން އެސްޓީއޯގެ ރޭޓްގައި ތެޔޮ ލިބޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.  އަދި އެކަމާ ގުޅޭ ޕްރޮޖެކްޓެއް އެސްޓީއޯ އާއެކު ފަށައިގެން ކުރިއަށް ދާ ކަމަށެވެ.

އެއާއެކު އެސްޓީއޯ ގައި ހުންނަ، އެސްޓީއޯގެ އައުޓްލެޓް ތަކުން ތެޔޮ ލިބޭ ރޭޓްގައި އެހެން ތަންތަނުން ވެސް ތެޔޮ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެހެންވީމަ ފެނިވަޑައިގަންނަވާނެ މި ސަރުކާރު އައުމުގެ ކުރިން އަޅުގަނޑަށް ހީވަނީ ރަމަޟާން މަސް އަންނަ އިރު ބައެއްފަހަރު އެއްޗެހީގެ، ބައެއް ކަހަލަ ތަކެތީގެ އަގު ބޮޑުވޭ. އެކަމަކު އިކޮނޮމިކް މިނިސްޓްރީ އާ ރައީސް އޮފީހާ ގުޅިގެން ކުރާ މަސައްކަތްތަކުން މިދިޔަ 2 އަހަރެއްގެ ތެރޭގަ އެކަންތައް އޮތީ ވަރަށް ބޮޑަށް ހައްލުވެފަ. އެހެންވީމަ އެގޮތަށް ދިމާވާ މައްސަލައެއް ތެލުގެ މައްސަލައަކީ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

މިނިސްޓަރު ވިދާޅުވީ ތެލުގެ އަގު ކާޑުގެ އަގު ކޮންޓްރޯލް ކުރެވިފައިވާ ގޮތަށް ކޮންޓްރޯލް ކޮށްފަ އޮންނަ އެއްޗެއް ނޫން ނަމަވެސް އެސްޓީއޯ އިން ތެލުގެ އަގު ބޮޑު ނުކުރާނެ ކަމަށެވެ. ތެލުގެ އަގުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް އަބަދުވެސް ބައްލަވަމުންދާ ކަމަށާ ދުނިޔޭގެ އަގުތަކަށް އަންނަ ބަދަލުތައް ވެސް ދިރާސާ ކުރައްވަމުންދާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ. 

މިނިސްޓަރު އެހެން ވިދާޅުވި އިރު މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ތެލުގެ އަގު ބޮޑުވާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތެލުގެ އަގު ބޮޑުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތެލުގެ އަގު ބޮޑުވާން ޖެހޭނެ ކަމަށް އެންމެން ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ. މީގެ ކުރިން ވެސް ތެލުގެ އަގު ބޮޑުނުކޮށްގެން ސުވާލުތައް އަމާޒުވި ކަމަށާއި، ނަމަވެސް އޭރު އަގު ބޮޑުނުކުރީ ސްޓޮކުގައި ހުރި ތެލުގެ ޝިޕްމަންޓްތަކަށް ރިޢާޔަތްކޮށްފައި ކަމަށް ޒަމީރު ވިދާޅުވި އެވެ.