އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލްމަތީނު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. 

މަތީނު މަގާމުން އިސްތިއުފާ ދެއްވީ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އިސްތިއުފާ ދެއްވި ސަބަބެއް ހާމަ ނުކުރައްވަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަތީން ވިދާޅުވި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ. 

މަތީން އެ މަގާމަށް އައްޔަން ކުރެވުނީ 2023 ވަނަ އަހަރު ވެރިކަން ބަދަލުވެ މި ސަރުކާރު ވެރިކަމާއި ހަވާލުވުމާ އެކު އެވެ. މަތީން އިސްތިއުފާ ދެއްވާފައި ވަނީ ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން މަގާމުން ދުރުކުރަމުން ގެންދަވާ ނުވަތަ އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަމުން ގެންދަވާ ކަމުގެ ޚަބަރު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. 

މަތީން އިސްތިއުފާ ދެއްވި އިރު، މިފްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު ވެސް ވަނީ އާދީއްތަ ދުވަހު އިސްތިއުފާ ދެއްވާފަ އެވެ. ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން މިދިޔަ ހަފްތާގައި އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން ވެސް ވަނީ އިސްތިއުފާ ދީފަ އެވެ. އޭގެ ކުރިން ފެނަކައިގެ ސީއީއޯ މުހައްމަދު ނަޖާހު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.