އިންތިޚާބުތަކާއި ދިމާކޮށް ރަށްތަކާއި، ފަޅުތައް ހިއްކި ނަމަވެސް އެމަޝްރޫއުތަކުން އުފަލެއް ނެތްކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ޒިޔާދު ވަނީ މިމަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ތިން އިންތިޚާބާ ދިމާކޮށް ސަރުކާރުން ގިނަ ރަށްރަށުގެ ބިން ހިއްކުމާއި، މަޝްރޫއުތައް ފެށިކަން ފާހަގަކުރައްވައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

އެގޮތުން ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ދިއްދޫ ރައްޔިތުން ތިބީ ބިން ހިއްކާތީ ނުރުހުން ވެފައިނޫން ކަމަށާއި، އެކަމަކު އެމަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް އުފަލެއް ނެތް ކަމަށެވެ. މިއަދު ރައްޔިތުންނަށް ހުރިހާ ގޮތަކުން ދަތިވެ، ރައްޔިތުންގެ އަތުގައި ފައިސާ ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއަދުގެ ހާލަތަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ލޯކަލް ކައުންސިލްތަކަށް މީގެ ކުރިން ލިބުނު ބާރުވެރިކަން ކަމަށެވެ. ލާމަރުކަޒީ ނިޒާމު ބާރު ކަނޑާލާފައިވާ އިސްލާހުތައް ރައްޔިތުން ބަލައި ނުގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހިތްކަން ފެށީ އިންތިޚާބާ ފެށީ. ވޯޓުލާން ނިމުނު ސަތޭކަ ހެކްޓަރު ހިއްކާ ނިމުނީ. އެންމެ ގޮނޑިއެއް ލިބުނީ. އެހެންވީމާ، އެބަ އެނގޭ އަދި މީނާ މި ކުރާ ކަންކަން ރައްޔިތުން ބަލައިނުގަނެ ސަބަބުތައް ވަރަށް ސާފުކޮށް. އެ މީހުން ހިތްކާތީ ރުޅިއައިސްގެން ޖެހީއެއް ނޫން. އޭނަގެ މަކަރުވެރިކަން އެނގި ދިއްދޫ، ހަމަ ވަރުގަދަ ދާއިރާ އެއީ. އަބްދުﷲ ނާޒިމް. ނާޒިމްއަކީ އަދި އޭގެއިތުރުން ކައުންސިލަށް އާމްދަނީ ލިބޭތީ އޭނާ އެންމެ ނަފުރަތުކުރާ ކަމަކީ އެއީ. މިވެނި ކައުންސިލެއްގައި ހެނދުނު އޮފީހަށް ވަޑައިގަންނަވާ ގޮތަށް ހިސާބު ބަލާނީ. މިވެނި ކައުންސިލަށް ކިހާވަރެއްތޯ ލިބެނީ. އޭގެ ނަތީޖާ މި ލިބުނީ. ލާމަރުކަޒީ ގާނޫނަށް އެ ގެނައި އިސްލާހަށް ބުނި ނޫނެކޭ މިއީ. މިއީ އަސްލު އެއްޗަކީ. ދިއްދޫ ހިއްކާތީ އަރައިގެން ރުޅިއަކުން ނޫން އެ މީހުން ނޫނެކޭ އެ ބުނީކީ. އެ މީހުން ނޫނެކޭ އެ ބުނީ އެ ގާނޫނަށް އެ ގެނައި ސަބަބު. އެ އިސްލާހުތަކެއް. އެ އިސްލާހުތަކަށް މި ބުނަނީ ބަދަލުގެ ސަބަބުން. ދެން ބޭސް ވެސް ނުލިބޭތީ. އިންތިޚާބަށް އަދި އެތަން ހިއްކިޔަކަސް އެ މީހުންނަކަށް ލިބޭ އުފަލެއް ނެތް. ތަނެއް، ބިންގަނޑެއް ހިކިގެން ވާނެ މޮޅެއް ނެތް. ފައިސާއެއް ނެތް އަތަކު.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު 

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ ގައުމުގައި ރައްޔިތުންނާއި ގައުމުގެ ކުރިއެރުމަށް މަސައްކަތް ނުކުރުމުގެ މައްސަލައިގެ އިތުރުން މިސަރުކާރަށް ރައްޔިތުންގެ އިތުބާރު ނެތް މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ތެރޭގައި ވެސް އިތުބާރެއް ނެތް ކަމަށެވެ. 

އެހެންކަމުން މިއަދު ސަރުކާރުން ކުރަމުންދާ ހުރިހާ ކަމަކާމެދު ރައްޔިތުން ސުވާލު އުފައްދާ ކަމަށް އޭނާ ވިދާޅުވި އެވެ.