ރައްޔިތުންގެ
މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި
ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ
ދުސްތޫރީ މައްސަލައިގެ ޙުކުމްކޮށް އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅުއްވައިފި އެވެ.
މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ
ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު
ހުސައިން ޝަހީދު، ފަނޑިޔާރު މުޙައްމަދު ސަލީމް އަދި ފަނޑިޔާރު ޑރ މުޙައްމަދު
އިބްރާހިމެވެ.
މިއީ ގއ ދާންދޫ ޣާލިބު ސަލީމްގެ ފަރާތުން
ހުށަހަޅާފައިވާ މައްސަލައެކެވެ.
ޕީއެންސީގެ މެމްބަރު، ސިނާންގެ ގޮނޑި
ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ
ބޭންކް ލޯނެއްގެ މައްސަލައިގަ އެވެ. މިއީ އޭނާ އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ
ލޯނެއް، ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާކަމަށް ބުނެ ހުށަހެޅި މައްސަލަ
އެކެވެ.
ގާނޫނުއަސާސީގައި ވާގޮތުން، ރައްޔިތުންގެ
މަޖިލީހުގެ މެމްބަރަކު ހުކުމާއި އެއްގޮތަށް ސާބިތު ދަރަނި ދައްކަވަމުން ނުދާނަމަ،
އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. އެގޮތުން ޤާނޫނުއަސާސީގެ
73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި އަދާކުރާންޖެހޭ
ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން
ނުދާ މީހަކު ކަމުގައިވުމަކީ މަޖިލިސް މެމްބަރުންގެ ޝަރުތެކެވެ.
މި މައްސަލައިގައި ހިމެނެނީ ސިނާނު އެހެން ބަޔަކާއި
ގުޅިގެން އެމްއައިބީން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެ. އަދި ލޯނުން
2.5 މިލިއަން ރުފިޔާ ނުދައްކާތީ ހިތަދޫ މެޖިސްޓްރޭޓު ކޯޓުން 14 އޮކްޓޯބަރު 2024
ގައި ހުކުމް ކުރީ ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރުމަށެވެ.
އަދި ހަ މަހަށް ބަހައިލުމުން ކޮންމެ މަހަކަށް ޖެހޭ އަދަދު މަދުވެގެން މަހަކު
ކޯޓަށް ދެއްކުމަށް ވެއެވެ.
އެހެންނަމަވެސް ޙުކުމާ އެއްގޮތަށް ފައިސާ
ނުދައްކާތީ ފަހުން ޙުކުމް ތަންފީޒު ކުރުމަށް މައްސަލައެއް ހުށަހެޅުނު ކަމަށާއި،
އެހިސާބުން ނުދައްކާ ހުރި ފައިސާގެ 4 މަހަށް ވާ ފައިސާއާއި ބާކީ ހުރި ފައިސާ ދެއްކެވިކަމަށް
މައްސަލައިގައިވެ އެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ
ބަހުސަށް ބަލާއިރު، މައިގަނޑު ސުވާލެއް އަމާޒުވީ ސިނާން ދަރަނި ދެއްކީ ކޯޓުން ކުރި
ހުކުމާ އެއްގޮތަށްތޯ ނޫންތޯއާ މެދު އެވެ. ސިނާންގެ ވަކީލު ވިދާޅުވާ ގޮތުގައި ދަރަނި
ދައްކަން ކޯޓުން ދިން މުއްދަތަކީ ހަ މަސްދުވަހެވެ. އަދި އެ މުއްދަތު ހަމަނުވަނީސް
ދަރަނި ދައްކާފައިވާ ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ. އަދި ދަރަނި
ދައްކާފައިވަނީ މިފަދަ ހުކުމެއް އޮތްކަން މެމްބަރަށް އެނގިވަޑައިގަތުމާ
އެކުކަމަށްވެސް ވިދާޅުވި އެވެ.
ސިނާންގެ ވަކީލު ވިދާޅުވާ ގޮތުގައި ސިނާނަށް
ހުކުމެއް އޮތްކަން އެނގިވަޑައިގަތީ 22 ޖެނުއަރީ 2025 ގައެވެ. އަދި ޙުކުމެއް އޮތްކަން އެނގިވަޑައިގަތް ދުވަހުން ފެށިގެން މަސައްކަތްކުރެއްވީ އެ
ދަރަނި ދެއްކުމަށް ކަމަށާއި، ފައިސާ ހަމަޖެހުމާ އެކު 1.7 މިލިއަން ރުފިޔާ 13 ފެބްރުއަރީގައި ދައްކައި، ބާކީ ބައި ހުކުމުގައިވާ ހަ މަސްދުވަހުގެ މުއްދަތު
ހަމަވުމުގެ ކުރިއަށް ދައްކާފައިވާނެކަމަށް ވިދާޅުވި އެވެ.
އެހެންނަމަވެސް މި މައްސަލަ ހުށަހެޅި ގާލިބު
ސަލީމްގެ ވަކީލު ވިދާޅުވީ، ހުކުމްކުރި ދުވަހު މެޖިސްޓްރޭޓް ކޯޓުން ވައިބާ
މެދުވެރިކޮށް ސިނާނަށް ހުކުމް ފޮނުވި ކަމަށާއި، ހުކުމް ލިބުނުކަން
ކަށަވަރުކުރުމަށް މެސެޖު ފޮނުވުމަށް ފަހު، ގުޅައި ވައިބާއިން ހުކުމް ފޮނުވިކަންވެސް ކޯޓުން އަންގާފައިވާ ކަމަށެވެ.
އަދި މެސެޖު ލިބިފައިވާކަމަށް ބުނެ ”ގޮޓް އިޓް“ ޖަހާފައި ސިނާން ރިޕްލައިވެސް
ކުރެއްވި އެވެ.
ނަމަވެސް ސިނާން ވިދާޅުވާ ގޮތުގައި އެ މެސެޖު ކުރެއްވިނަމަވެސް އޭނާ ޙުކުމް ކިޔުއްވާފައެއް
ނުވާނެ އެވެ.
ޙުކުމް އިއްވަވަމުން ފަނޑިޔާރު އައިޝާ ޝުޖޫން
ވިދާޅުވީ، ޣައިރު ހާޒިރުގައި ޙުކުމް ކުރުމުގެ އިޖުރާއަތު މަދަނީ އިޖުރާއަތުގެ
ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، މި މައްސަލައިގައި ސިނާނަށް ލިއެކިއުންތައް
ރައްދު ކުރުމުން، ދިފާއު ހުށަހަޅަންޖެހޭ މުއްދަތުގައި ދައުވާގެ ދިފާއެއް ހުށަހަޅާފައި
ނުވާ ކަމަށެވެ. އަދި ވިދާޅުވީ، ސިނާންގެ ވަކީލު މައްސަލައިން
ތަނާޒުލްވެވަޑައިގެންނެވީވެސް ދިފާއު ހުށަހެޅުމުގެ މުއްދަތުގެ ފަހުންކަން އެނގޭ
ކަމަށެވެ.
އެހެންވެ ސާބިތު ދަރަންޏެއް އޮތްތޯ ނުވަތަ ނޫންތޯ
އޮތް ސުވާލުގައ ފަނޑިޔާރު ޝުޖޫން ނިންމެވީ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން
އެނގޭ ކަމަށެވެ.
އެހެންކަމުން ދެން ގޮތް ނިންމަން އޮތް ނުކުތާއަކީ އޭނާ
ޙުކުމާ އެއްގޮތަށް ފައިސާ ދައްކާފައިވޭތޯ ނުވަތަ ނޫންތޯ އެވެ.
އެ ނުކުތާގައި ޝުޖޫން ވިދާޅުވީ، ސާބިތު ދަރަނި
ނުދައްކާ ޙާލަތުގައި ރަހުނު ތަންފީޒު ކުރުމުގެ ބާރު އެމްއައިބީއަށް ލިބޭކަމަށް
ހިތަދޫ ކޯޓުން ނިންމާފައިވާ ނިންމުމުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެ ޙުކުމް
ބާތިލު ކުރުމަށް ސިނާންގެ ފަރާތުން ހުށަހަޅާފައިވެސް ނުވާ ކަމަށެވެ.
މީގެ އިތުރުން، ޙުކުމެއް އޮތްކަން އެނގިވަޑައިނުގަންނަވާކަމަށް
ސިނާން ވިދާޅުވި ނަމަވެސް، އޭނާއަށް ޙުކުމް ލިބިފައިވާކަން ވައިބަރ މެދުވެރިކޮށް
ބުނެފައިވާކަން އެނގޭ މެސެޖުތައް ހުރިކަމާއި، ޙުކުމާ އެއްގޮތަށް ފައިސާ ދައްކަން
އޭނާއަށް ހަނދާންކޮށްދީ އެމްއައިބީން އީމެއިލް މެދުވެރިކޮށް ކޮށްފައިވާ ސިޓީ ހުރިކަންވެސް
ޝުޖޫން ފާހަގަ ކުރެއްވި އެވެ.
ޝުޖޫން ވިދާޅުވީ، ޤާނޫނު ނުދަންނަކަމަށް
ވިދާޅުވުމަކީ ހުއްޖަތެއް ނޫން ކަމަށާއި، ޙުކުމް ވިދާޅުނުވާކަމަށް ބުނާ ވާހަކައަށް
ބުރަދަނެއް ދެވެން ނެތް ކަމަށެވެ.
ޝުޖޫން ވިދާޅުވީ، ވަކި މުއްދަތެއްގައި ވަކި
ގޮތަކަށް ދައްކަން އަންގާ ފައިސާއެއްނަމަ ޙުކުމުގައި އެ އިބާރާތަކުން ބަޔާންކުރާނެ
ކަމަށާއި، މި މައްސަލައިގައި އޮތް އިބާރާތުގައި އޮތީ 14 އޮކްޓޯބަރު 2024 އިން
ފެށިގެން ހަ މަހަށް ބަހައިލުމުން ކޮންމެ މަހަކަށް ޖެހޭ އަދަދު މަދުވެގެން މަހަކު
ކޯޓަށް ދެއްކުމަށް ކަމަށެވެ. އަދި އެގޮތަށް ނުދައްކާތީ ދެން ހުށަހެޅުނު ޙުކުމް
ތަންފީޒު ކުރުމުގެ މައްސަލަވެސް ކޯޓުން ބަލައިގެންފައިވާ ކަމަށާއި، އެހެންކަމުން
ކޯޓުން ޙުކުމް ކުރި ގޮތް އެކަމުންވެސް ސާފުވާކަމަށް ޝުޖޫން ވިދާޅުވި އެވެ.
އެހެންކަމުން ޝުޖޫން ނިންމެވީ މެމްބަރުކަމުގެ ޝަރުތުގައި
ހިމެނޭ ދަރަންޏާ ގުޅޭ ޝަރުތު ހަމަނުވާ ކަމަށާއި، އޭނާގެ ގޮނޑި ގެއްލިފައިވާ
ކަމަށެވެ.
ޝުޖޫންގެ އެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުންވެސް
ތާއީދު ކުރެއްވިއެވެ.