މަސްވެރިކަމުގެ ދާއިރާއިން ސްރީލަންކާ އާއެކު ގުޅުން ބަދަހިކޮށް، މަޝްވަރާ ކުރުމަށް އަންނަ މެއި މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ފުރަމާނަދަތުރުފުޅެއްގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓު ކޮށްފި އެވެ. 

ލަންކާގެ ނޫސްތަކުގައިވާ ގޮތުން ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މަސްވެރިކަމުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވެ އެވެ. އެކަމާ ގުޅޭ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި އެގޮތުން އެކަމުގެ މަޝްވަރާތައް ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު، ލަންކާގެ ފިޝަރީޒް މިނިސްޓަރު ރަމަލިންގަމް ޗަންޑްރެސޭކަރު އާ ކުރައްވާފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ. 

ސްރީލަންކާގެ ފިޝަރީޒް މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ބީ.ކޭ. ކޮލިތަ ކަމާލް ޖިނަދާސަ ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުން އޮތީ މިދިއަ ހުކުރު ދުވަހު ސްރީލަންކާގެ ޕާލަމެންޓް ކޮމްޕްލެކްސްގައި ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން އެ ބައްދަލުވުމުގައި ރާއްޖެއާ ލަންކާ އާ ދެމެދު މުދާ ފޯރުކޮށްދިނުމުގެ ސީދާ ނިޒާމެއް ގާއިމުކުރުމަށް މަޝްވަރާ ކޮށްފައިވާއިރު މެދުވެރިންނާ ނުލައި ސީދާ ވިޔަފާރީގެ މަގުތައް ހުޅުވާލުމުން ދެ ގައުމަށް ވެސް އިގުތިސާދީ ގޮތުން ފައިދާކުރާނެތީ އެކަމުގެ މަޝްވަރާތައް ފުޅާދާއިރާއެއްގައި ކޮށްފައިވެ އެވެ. 

މިހާރު ސްރީލަންކާގައި އުފައްދާ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެކުރަނީ އެހެން ގައުމުތަކުގެ މެދުވެރިން މެދުވެރިކޮށެވެ. 

މީގެ އިތުރުން ދޮށީގެ މަސްވެރިކަމުގެ ތަޖުރިބާ ސްރީލަންކާގެ މަސްވެރިންނަށް ހިއްސާކުރުމަށްޓަކައި ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފެށުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ތާޒާ މަހުގެ ވަސީލަތްތަކާއި ލަންކާގައި ކުރިއަރަމުން އަންނަ ދަޅުގައި މަސް ބަންދުކުރުމުގެ ސިނާއަތް ގުޅިގެން އާ އުފެއްދުންތަކެއް ބާޒާރަށް ނެރުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް މަޝްވަރާތައް ކޮށްފައިވެ އެވެ. 

ރައީސް މުއިއްޒު ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަން ލަންކާގެ ނޫސްތަކުން ހާމަކޮށްފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އެމަނިކުފާނު ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް އެ ދަތުރުގެ ތާރީޚު ބަދަލުކޮށްފައިވާ ކަމަށް އޭރު ވަނީ ބުނެފަ އެވެ.