މިދިޔަ ބުރާސްފަތި ދުވަހު ފ. ފީއަލީގެ ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި އެރަށުގެ އައިސްޕްލާންޓް އެއްކޮށް އަނދާ ހުލިވެފައިވާއިރު އެކަމާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމަށް ފިޝަރީޒް މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސްފި އެވެ. 

މިނިސްޓްރީ އިން ހާމަ ކޮށްފައިވާ ގޮތުގައި ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެރަށުގައި މިފްކޯ އިން ހިންގަމުން ދިޔަ އައިސްޕްލާންޓަށާއި ބައެއް މަސް ދޯނިތަކަށް ލިބުނު ގެއްލުންތައް ބެލުމަށް އެ މިނިސްޓްރީގެ ޓީމެއް މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރި ވަމުންނެވެ. 

ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފާނަ މަސްވެރިކަންކުރާ ދެ ދޯންޏަކާއި އައިސްޕްލާންޓުގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދާފައިވާއިރު ބައެއް އެހެން އުޅަންދުތަކަށްވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ.

މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީ އިން ބުނީ މި އަލިފާނުގެ ހަދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ބަލާ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.  

ރާއްޖެއެމްވީއަށް އެސަރަހައްދުގައި ހުރި މީހަކު ކިޔަދިން ގޮތުގައި ތެޔޮ ބޯޓުގައި ރޯވި އަލިފާން ވަރަށް ބޮޑަށް ފެތުރި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަަމަށެވެ.

މި ހާދިސާ ގައި އެރަށުގައި މިފްކޯ އައިސްޕްލާންޓް އެއްކޮށް އަނދާ ހުލިވެފައިވާއިރު ފާނަ މަސްވެރިކަން ކުރާ ދެ ދޯންޏާއި، ވެލިއަރުވާ ދޯންޏެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އަލަށް ބާލާފައި އޮތް ފައިބަރު ދޯންޏަކަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. 

މީގެ އިތުރުން އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބަައިތަކަށް ވެސް ގެއްލުން ވެފައިވެ އެވެ. 

މި ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވެ އެވެ.