މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މާލޭ ޓެކްސީ ލައިނުގެ ޚިދުމަތް ގަވާއިދާ ހިލާފަށް ދެމުން އަންނަ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުން ގޮވާލައިފި އެވެ.

ހޮނިހިރު ދުވަހު ޑްރައިވާސް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވަނީ އެމްޓީސީސީން މާލޭގައި ފެށި ޓެކްސީ ލައިން ޚިދުމަތާ ގުޅިގެން ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

ޓެކްސީ ޑްރައިވަރުންނަކީ ޒަމާނުއްސުރެ ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ބައެއް ކަމާއި، މިއީ އެތައް ސަތޭކަ ދިވެހި އާއިލާއެއްގެ ދިރިއުޅުމާއި އާމްދަނީއާ ސީދާގޮތުން ގުޅިފައިވާ ދާއިރާއެއް ކަން ފާހަގަކޮށް ބަޔާނުގައި ބުނީ، ސަރުކާރުގެ ކުންފުންޏަކުން މި ދާއިރާއަށް ވަނުމަކީ، އިންސާފުވެރިކަމާއި ހަމަހަމަކަން ގެއްލި، ރެގިއުލޭޓް ކުރުމުގެ ނިޒާމަށް ބުރޫއަރާނެ ކަމެއް ކަމަށެވެ. 

ޑްރައިވާސް އެސޯސިއޭޝަނުން ބުނީ އަމިއްލަ ޓެކްސީ ސެންޓަރު ތަކަށާއި، ޓެކްސީ އެޕްލިކޭޝަން ހިންގާ ފަރާތްތަކާއި، ޓެކްސީ ޑްރައިވަރުންނަށް، ހަރުކަށި އުސޫލުތަކަކުން ރެގިއުލޭޓްކޮށް، ގަވާއިދާ ހިލާފުވާ ހާލަތްތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާއިރު، ސަރުކާރުން ހިންގާ ޓެކްސީގެ ޚިދުމަތް ދެމުންދަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. 

އެގޮތުން، ''ޓެކްސީ ގަވާއިދު''ގެ 7 ވަނަ މާއްދާގެ (ހ) އާއި، 11 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) އާ ކަނޑައެޅިގެން ޚިލާފަށް މި ޚިދުމަތް ކުރިއަށްގެންދާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ގަވާއިދުތައް ތަންފީޒު ކުރުމުގައި ގެންގުޅޭ މިފަދަ ބޭއިންސާފު އަމަލުތަކުގެ ސަބަބުން، ރެގިއުލޭޓަރީ އޮނިގަނޑަށް އޮންނަ އިތުބާރު ގެއްލިގެންދާ ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ. 

ބަޔާނުގައި ބުނީ، ދައުލަތުގެ ވަސީލަތްތަކުގެ އެހީގައި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މާކެޓަށް ސަރުކާރުން ވަނުމަކީ ''ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނު''ގެ އެތައް މާއްދާއަކާ ޚިލާފު ކަމެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ސަރުކާރުގެ އަމިއްލަ އެޕްލިކޭޝަނެއް ތައްޔާރުވަންދެން މި ޚިދުމަތް ހިލޭ ދިނުމަށް ނިންމާފައިވާ ނިންމުމަކީ، އިގްތިސާދީ ގޮތުން ދަތި، މި ދަނޑިވަޅުގައި އަމިއްލަ ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ލިބޭ ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް  ޑްރައިވާސް އެސޯސިއޭޝަނުން ބުނެ އެވެ. 

މީގެ އިތުރުން ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީއަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން ސީދާގޮތުން ވިޔަފާރީގެ ވާދަވެރިކަމުގެ ތެރެއަށް ވަދެގެން ނުވާނެ ކަމަށް ޑްރައިވާސް އެސޯސިއޭޝަނުން ބުނެފައިވެ އެވެ. 

އެހެންކަމުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ހިމެނޭހެން ކަމާބެހޭ ހުރިހާ އިދާރާތަކުން، އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ޓެކްސީ ތަކާމެދު ވެސް ހަމަހަމަ އުސޫލަކުން ގަވާއިދުތައް ތަންފީޒު ކުރުމަށް ވަނީ ގޮވާލާފަ އެވެ.