މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަގާމުން ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު އިސްތިއުފާ ދެއްވައިފި އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރުހަތު އިސްތިއުފާ ދެއްވީ އާދިއްތަ ދުވަހުގެ ވަގުތެއްގަ އެވެ. އަދި އެކަން ވަނީ ކުންފުނީގެ މުވައްޒަފުންނަށް ވެސް އަންގަވާފަ އެވެ.   

ސީދާ އިސްތިއުފާ ދެއްވީ ކޮން ސަބަބާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. 

މިފްކޯގެ ސީއީއޯގެ މަގާމަށް ފަރުހަތު އައްޔަން ކުރެއްވީ 5 މަރޗް 2025 ގަ އެވެ. އޭގެ ކުރިން އެމަގާމުގައި ހުންނެވީ  ޑރ. ވިޓާލީ ލިއުބިމޮވް ނަމަކަށް ކިޔާ ބޭރުގެ ބޭފުޅެކެވެ. 

ފަރުހަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސިފައިންގޭގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރެއްވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، 29 ފެބްރުއަރީ 2012 ގަ އެވެ. އޭގެފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗުގެ ސީއީއޯގެ މަގާމު އަދާކުރެއްވި އެވެ.

ފަރުހަތު އިސްތިއުފާ ދެއްވިއިރު، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ތިން އިންތިޚާބަށް ފަހު ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުގެ އިސްބޭފުޅުން ދަނީ ވަކި ކުރަމުންނެވެ. އަދި އިސްތިއުފާ ދެއްވުމަށް ސީދާ ރައީސް އޮފީހުން އަންގަމުންދާ ކަމުގެ މައުލޫމާތު ލިބެ އެވެ. 

އެގޮތުން ފެނަކައިގެ ސީއީއޯ މުހައްމަދު ނަޖާހު މަގާމުން ވަކި ކުރެއްވިއިރު، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން އަށް ވެސް އިސްތިއުފާ ދެއްވުމަށް އެންގުމާއި ގުޅިގެން މިފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.