ދިވެހި މުޖުތަމަޢަކީ ކޮރަޕްޝަންގެ ޢަމަލުތަކުން ސަލާމަތްވެފައިވާ
ނަޒާހަތްތެރި މުޖްތަމަޢަކަށް ހެދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކަށީގެންވާ
މިންވަރާ ގާތަށްވެސް މަސައްކަތް ކޮށްފައިނުވާކަމަށް ބުނެ، އޭސީސީގެ މެމްބަރުންނާ
ބައްދަލު ކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން އެދިއްޖެއެވެ.

އެމްޑީޕީން އެގޮތަށް އެދިފައިވަނީ ޕާލިމެންޓްރީ
ގްރޫޕުގެ ސެކެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން މެމްބަރު މުޙައްމަދު އިބްރާހިމް އެންޓި-ކޮރަޕްޝަން
ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލަށް
 އެޑްރެސް
ކުރައްވައި ފޮނުއްވެވި ސިޓީއެއްގައެވެ.

ސިޓީގައި މެމްބަރު ވިދާޅުވީ، ދިވެހި މުޖުތަމަޢަކީ ކޮރަޕްޝަންގެ
ޢަމަލުތަކުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖްތަމަޢަކަށް ހެދުމަކީ ޤާނޫނުއަސާސީން
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަސައްވުރުކުރި ޒިންމާއެއް ކަމަށެވެ.

އެހެންނަމަވެސް، ވޭތުވެދިޔަ ތަނުގައި އެކަށޭނަ މިންވަރާއި
ގާތަށްވެސް އެ މަސައްކަތް ކުރެވިފައި ނުވުމަކީ އެމްޑީޕީން ނުހަނު ހިތާމަ ކުރާ
ކަމެއްކަމަށް މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮމިޝަނުގެ އަމާޒުތަކަށް ވާސިލުވުމުގައި
މަސައްކަތް ކުރެވިފައި ނެތުމާއި، ހާއްސަގޮތެއްގައި ކޮރަޕްޝަންގެ ޢަމަލު ހިންގާ ފަރާތްތަކާމެދު
ތަފާތު ކުރުމެއްނެތި ފިޔަވަޅު އެޅިފައި ނުވާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު، ކޮރަޕްޝަންގެ ޢަމަލުތަކަށް މަގުފަހިނުވާނެ
ގޮތަކަށް ދައުލަތުގެ ހިންގުން ބައްޓަންކޮށް، ނިޒާމުތައް ހަރުދަނާކުރުމުގައިވެސް އެއްވެސް
މަސައްކަތެއް ކުރެވިފައިނުވުމަކީވެސް ހިތާމަ ކުރައްވާ ކަމެއްކަމަށް މެމްބަރު
ވިދާޅުވިއެވެ.

އެހެންކަމުން މި ކަންކަމާ ގުޅޭގޮތުން އެމްޑީޕީގެ ޕާރލިމެންޓަރީ
ގްރޫޕުން މަޝްވަރާކުރުމަށް ބޭނުންވާތީ، އޭސީސީގެ މެންބަރުންނާއެކު ބައްދަލުވުމެއް ވީ
އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހަމަޖައްސަވައިދެއްވުމަށް ސިޓީގައި ވަނީ
އެދިފައެވެ.