އދ. ދިގުރަށު އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގައި ދިޔަ
އަލިފާނުގެ ހާދިސާގެ ސަބަބުން 5 ބިދޭސީ މަސައްކަތްތެރިން ނިޔާވެފައިވާތީ އެކަމާ ގުޅިގެން
ސަރުކާރުގެ އިދާރާތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމައަށް
އަދާކޮށްފައިވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ
މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް މައްސަލައެއް
ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
އަށް އެޑްރެސް ކުރައްވައި ފޮނުއްވެވި ސިޓީއެއްގައި މެމްބަރު ވަނީ އެ މައްސަލައާ
ގުޅިގެން ސާފު ކުރަން ބޭނުންވާ ބައެއްކަންކަން ހިމަނުއްވާފައެވެ.

މެމްބަރު ހުށަހެޅުއްވި ސިޓީގައި އެ ޙާދިސާއާ
ގުޅޭގޮތުން 12 ސުވާލެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި އަލިފާނުގެ ހާދިސާ ހިނގި
ޢިމާރާތަކީ ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނުގެ ދަށުން
ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް، ދިރިއުޅުމަށް ބޭނުންކުރުމަށް ކުއްޔަށް
ދޫކޮށްފައިވާ ތަނެއްތޯއާއި، މި ހާދިސާގައި ނިޔާވި 5 ބިދޭސީ މަސައްކަތްތެރިންނަކީ ވަޒީފާއާބެހޭ
ޤާނޫނުގެ ދަށުން ސައްހަ ވަރކް ޕާމިޓެއްގެ ދަށުން މަސައްކަތް ކުރަމުންދިޔަ ބައެއްތޯ
ސާފުކޮށްދިނުމަށް އެދިފައިވެއެވެ.

މީގެ އިތުރުން، ބިދޭސީން ދިރިއުޅޭ ތަންތަން
މޮނިޓަރކޮށް އިންސްޕެކްޓް ކުރުމުގެ ބާރު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ
ވުޒާރާއަށް ލިބިދީފައިވާއިރު، އަލިފާނުގެ ހާދިސާ ހިނގި ޢިމާރާތަކީ މި ގަވާއިދާ
އެއްގޮތަށް ބިދޭސީން ބޭތިއްބުމުގެ މިންގަނޑުތަކަށްފެތޭތޯ  ބެލުމަށް ވުޒާރާގެ ފަރާތުން އިންސްޕެކްޓްކޮށްފައިވާ
ތަނެއްތޯވެސް އަހާފައިވެއެވެ.

ހަމައެއާއެކު، ދިވެހިރާއްޖޭގައި ބިދޭސީން ވާޒީފާ
އަދާކުރުމާ ބެހޭ ގަވާއިދުގެ ދަށުން ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކްތައް
އިންސްޕެކްޓްކުރުމަށް ވުޒާރާއިން ގެންގުޅޭ އުސޫލަކީ ކޮބައިތޯ ވެސް އަހާފައިވާއިރު، މިފަދަ
ނުރައްކާތެރި ހާލަތްތަކުގައި ހުރި ތަންތަން ދެނެގަތުމަށް މިހާތަނަށް ކުރެވިފައިވާ
މަސައްކަތްތަކުގެ ތަފްސީލު މަޖިލީހާއި ހިއްސާ ކޮށްދެއްވުމަށް ވެސް އެދިފައިވެއެވެ.
އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް، އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯއާއި
އޭގެ ތަފްސީލް ރައްޔިތުންގެ މަޖިލީހާއި ހިއްސާ ކުރެއްވުމަށް ވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން، މިހާދިސާ ހިނގަން ދިމާވި ސަބަބު
ބެލުމަށްޓަކައި، ހާދިސާ ހިނގައި ދިޔަ ގޮތުގެ ތަހުޤީޤެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ހިންގިފައިވޭތޯ އާއި، އިމާރާތްތައް ހުންނަނީ ދިރިއުޅެން އެކަށީގެންވާ
ރައްކާތެރި ޙާލަތެއްގައިތޯ ބެލުމުގެ ޢާންމު ދައުރެއް ކައުންސިލަށް އޮތްއިރު، މި
ހާދިސާ ހިނގި ތަނަކީ ކައުންސިލްގެ 'މުނިސިޕަލް އިންސްޕެކްޝަން' ތަކުގައި ސަލާމަތީ
ގޮތުން ނުރައްކާތެރި ތަނެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަނެއްތޯވެސް ވަނީ
ސުވާލުކޮށްފައެވެ.

މީގެ އިތުރުންވެސް އިތުރު ސުވާލުތައް
ހިމަނާފައިވާއިރު، އެ މަޢުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގެ 'ސަރުކާރުގެ
މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ' މެދުވެރިކޮށް ސާފުކޮށްދެއްވުމަށް
މެމްބަރު ވަނީ އެދިވަޑައިގެންފައެވެ.