ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ވެސް
ރައީސް މުއިއްޒަށް ރާއްޖޭގެ ވެރިކަން ލިބުމަކީ ދުރު ކަމެއްކަމަށް މާފަންނު މެދު
ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ
ދައްކަވަމުން ބޮންޑާ ވިދާޅުވީ، ޕީއެންސީގެ މެމްބަރުން ތިއްބަވާ ރަށްރަށުން ވެސް ރައީސަށް
ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންފައިވާ ކަމަށާއި، ރައީސް ޑރ މުޙައްމަދު މުއިއްޒު
ދެން ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާނަމަ ކުރައްވަން ޖެހޭ އެތައް ކަމެއް
އެބަހުރި ކަމަށެވެ.
އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ ނުފުއްދި
ހުރި ވައުދުތައް ފުއްދުންކަން ފާހަގަ ކުރައްވައި ބޮންޑާ ވިދާޅުވީ، ރައްޔިތުން އެދިފައި ވެސް
ނުވާ ކަންކަމާ ގުޅުވައި ބޮޑެތި ވައުދުތައް މި ސަރުކާރުން ވެފައިވާ ކަމަށެވެ.
ބޮންޑާ ވިދާޅުވި ގޮތުގައި ވައުދުތައް
ފުއްދެވި ނަމަވެސް، ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭގައި ވެސް ރައީސް މުއިއްޒަށް
ރާއްޖޭގެ ވެރިކަން ލިބުމަކީ ދުރު ކަމެކެވެ. އެގޮތުން ރައްޔިތުންގެ ތާއީދު ރައީސް
މުއިއްޒަށް ނެތްކަމަށް ބޮންޑާ ވިދާޅުވިއެވެ.
ބިއްލޫރި ޓަނަލެއްގެ ވާހަކަ، ކާކު ބުނީ ޓަނަލް އަޅަން، އަމިއްލައަށް ދެއްކެވި ވާހަކަ އެއީވެސް، އެއީ ހަގީގަތުގައި ވައުދެއްވެސް ނޫން، މި ހުރިހާ ވައުދެއް ފުއްދީމަ ދެން އޭނާއަށް އަދި ދެ ދައުރު ފަހުން ފަހަރެއްގައި ވެރިކަމަށް އާދެވިދާނެމާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)
މީގެ އިތުރުން، މިއަދު ރައްޔިތުންވެސް މި ސަރުކާރާ
ދޭތެރޭގައި ނުރުހިފައި ތިބިކަން ފާހަގަ ކުރައްވައި ބޮންޑާ ވިދާޅުވީ، ދިމާވާ ކޮންމެ
ރައްޔިތަކު ވެސް މިއަދު ބުނަމުންދަނީ މިހާރު ފުދިއްޖެ ކަމަށެވެ.
ބޮންޑާ ވިދާޅުވީ މި ސަރުކާރަށް ރައްޔިތުން މިހާރު އިތުބާރު ނުކުރާ ކަމަށެވެ.
ހަމަ އެއާއެކު، ރައީސް ޑރ މުޙައްމަދު މުއިއްޒަށް ދެން ދިވެހި ރައްޔިތުން ތާއީދެއް
ނުކުރާނެކަމަށް ވެސް ބޮންޑާ ވިދާޅުވި އެވެ.