މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމަނާ، އެ ދެ ބޭފުޅުންނަކީ ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސަން ފާސްކޮށްފި އެވެ.

އެގޮތަށް ނިންމާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމަށް އެ ޕާޓީގެ ޗެއަރޕަރސަންގެ މަޤާމުގައި ހުންނެވި އަބްދުލް ޣަފޫރު މޫސާ ހުށަހެޅުއްވި ޤަރާރުގައި ހިމަނާފައި ވަނީ ތިން ކަމެކެވެ.

އޭގެ ތެރެއިން ފުރަތަމަ ކަމަކީ އެ ޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމް އަދާކޮށްފައިވާ މީހުން ޕާޓީގައި ދެމި ތިބިހާ ހިނދަކު ގައުމީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ހަމަޖެއްސުމަށް އަސާސީ ޤަވާއިދު އިސްލާހު ކުރުމެވެ. އެ ބަދަލަށް އެންމެ އަވަހަށް ބާއްވާ ކޮންގްރެސް އެއްގައި ރުހުން ހޯދުމަށް ވެސް އެ އިސްލާހުގައި ވަނީ ހިމަނާފަ އެވެ.

ދެވަނަ ކަމަކީ ގައުމީ މަޖިލީހުގެ މަސްޢޫލިއްޔަތާއި ފުށު ނާރާނެ ގޮތަށް ޕާޓީގެ މުހިންމު ކަންކަމުގައި ގޮތް ނިންމުމަށް ޗެއަރޕަރސަން އަށް ލަފާ ދިނުމަށް ކޮމިޓީ އެއް އެކުލަވާލުމެވެ. އެ ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ހިމަނާފައި ވަނީ:

  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތެއް

  • ރައީސް މުހައްމަދު ނަޝީދު ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތެއް
  • ޗެއަރޕަރސަން އަބްދުލް ޣަފޫރު މޫސާ
  • ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު
  • ކުރީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް
  • ޕާޓީގެ ޕީޖީ ލީޑަރ

މި ކޮމިޓީ ދެމި އޮންނާނީ ދާއިމީ ޗެއަރޕަރސަން އެއް ހޮވެންދެންނެވެ. 

ތިން ވަނަ ކަމަކީ  ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖެއްސުމެވެ. އެ ޤަރާރަށް ތާއިދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަދި ގައުމީ މަޖިލީހުގެ މެމްބަރު އިބްރާހިމް ޒިޔާދު އެވެ. އެ ގަރާރު ފާސްވީ ގައުމީ މަޖިލީހަށް ހާޒިރުވި 63 މެމްބަރުންގެ ތެރެއިން 62 މެމްބަރުންގެ ވޯޓާއި އެކުގަ އެވެ.