ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު ހައުސިންގް މިނިސްޓްރީ އިން އިތުރުކޮށްފި އެވެ.

ތުޅާދޫގައި އިމާރާތް ކޮށްފައިވާ ހައުސިންގް ޔުނިޓްތަކަކީ އެމްޑީޕީ ސަރުކާރުން ތުޅާދޫގައި ބިނާކޮށް ނިންމައިފައިވާ 100 ހައުސިންގ ޔުނިޓުތަކެކެވެ. މީގެ ކުރިން އޭޕްރީލް 11 ވަނަ ދުވަހަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާއިރު ހައުސިންގް މިނިސްޓްރީ އިން ވަނީ ހައުސިންގް ޔުނިޓްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް އިތުރުކޮށްފަ އެވެ.

ފޯމު ހުށަހަޅަން ޖެހެނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. ތުޅާދޫ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ އުސޫލަށް ބައެއް ބަދަލު ގެނެސް މި ސަރުކާރުން އެ ފުރުސަތަށް ހުޅުވާލީ މި އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގަ އެވެ.

އެ މިނިސްޓްރީ އިން ގެޒެޓުގައި އާންމުކުރި މައުލޫމާތުގައި ވަނީ، ތުޅާދޫގައި އިމާރާތްކުރި ސަތޭކަ ފުލެޓު ދޫކުރާނީ މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ ސަރުކާރުން އިފްތިތާހުކުރި "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ކަމަށެވެ.

އަތޮޅުތަކުގެ ރަށްތަކުގައި އަސާސީ ބޯހިޔާވަހިކަން އެއް އުސޫލެއްގެ ދަށުން ދޫކުރުމަށްކަމަށް ބުނެ، އެ މަސައްކަތް މިހާރު ކުރިއަށްގެންދަނީ ސަރުކާރުން ހަދާފައިވާ ގެދޮރުވެރިކަމުގެ އުސޫލާ އެއްގޮތަށެވެ.  އެގޮތުން ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުން ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އެކަން ވަނީ ހުއްޓުވާފަ އެވެ. ހައުސިން ޔުނިޓުތައް ދޫކުރުމުގެ މަސައްކަތް މިނިސްޓްރީގެ ދަށަށް ގެންދިޔައީ ވެސް އޭގެ ފަހުންނެވެ. 

ހައުސިންގ މިނިސްޓްރީ އިން އާންމުކުރި އުސޫލުގައިވާ ގޮތުން، ތުޅާދޫގައި އިމާރާތްކުރި ފުލެޓުތަކަށް ކުރިމަތިލެވޭނީ އެ ރަށުގެ ރަށްވެހިންނަށާއި އެ ރަށަށް ހިޖުރަކޮށް، މެދުކެނޑުމެއް ނެތި 10 އަހަރު އުޅެފައިވާ މީހުންނަށެވެ.

މިކަމާ ގުޅިގެން މީގެ ކުރިން އެމްޑީޕީ އިން ބުނީ މި ސަރުކާރުގެ ދައުރު ފެށުމާއެކު، ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވައިލައި، އިދާރީ ހިންގުމުގެ ބާރުތައް ވުޒާރާތަކަށް ޖަމާކުރަން ފަށައިފަވާ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން ތުޅާދޫގައި ބިނާކޮށް ނިންމައިފައިވާ 100 ހައުސިންގ ޔުނިޓު، އޭގެ ހައްގުވެރިންނަށް ދިނުމުގެ މަސައްކަތްތައް ރަށު ކައުންސިލުން ކުރަމުން ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އެ މަސައްކަތް ހުއްޓުވައިފައިވާ ދަނޑިވަޅެއްގައި އެ ހައުސިންގ ޔުނިޓުތައް ހަވާލުކުރުމުގެ އިދާރީ މަސައްކަތްތައް ސަރުކާރުން ކޯޓު އަމުރާ ޚިލާފަށް ކުއްލިއަކަށް ހައުސިންގ މިނިސްޓްރީގެ ދަށަށް ނަގައިފައި ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ.

އެ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލް އެކަހެރިކޮށް މި ސަރުކާރުން ހުޅުވާލުމުން އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ވަނީ ފާޅު ކޮށްފަ އެވެ. ޚާއްސަކޮށް އިދިކޮޅު އެމްޑީޕީ އިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. 

އޭގެ އިތުރުން އެ ހައުސިންގ ޔުނިޓުތައް ދޫކުރުމަށް ރަށު ކައުންސިލު ގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް މިނިސްޓްރީ އިން އުސޫލެއް އާއްމުކޮށް، އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅުމަށް ހުޅުވައިލުމަކީ ސީދާ ގާނޫނޫ އަސާސީ އާއި ލާމަރުކަޒީ ގާނޫނާ ޚިލާފަށް އަދި ލާމަރުކަޒީ ނިޒާމުގެ ރޫހާ ކަނޑައެޅިގެން ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.

ތުޅާދޫގެ އިތުރުން ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު ވެސް އެ މިނިސްޓްރީ އިން މިހާރު ވަނީ އިތުރު ކޮށްފަ އެވެ.