ރާއްޖެއިން ބޭރުގެ މަޝްރޫއުތަކަށް ބިޑުކޮށް، އެ ބިޑުތައް
ކާމިޔާބުކޮށްގެން އެފަދަ މަޝްރޫއުތަކުގެ މަސައްކަތް ކުރުމަކީ އެމްޓީސީސީގެ ވަރަށް
ބޮޑު އަމާޒެއްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ
ވިދާޅުވެއްޖެއެވެ.
ސައުދީ އެފަދައިން ވިދާޅުވީ ސަރުކާރުގެ ކަންކަން
ޕްރޮމޯޓު ކުރާ ޗެނަލެއްގައި ދެއްކެވި ވާހަކަފުޅެއްގައެވެ.
ސައުދީ ވިދާޅުވީ، އެމްޓީސީސީއަކީ އާންމުކޮށް
ރައްޔިތުންނަށް ހިއްސާ ވިއްކައިގެން ހިންގަމުން އައި ކުންފުންޏެއް ކަމަށާއި، އެ ކުންފުނިން
ގިނަ އަދަދެއްގެ އުމްރާނީ ތަރައްޤީވެސް ހިންގާ ކަމަށެވެ.
އެހެންކަމުން އެމްޓީސީސީއާއެކު މަސައްކަތް ކުރުމަށް
ގިނަ އަދަދެއްގެ ބޭރުގެ ކުންފުނިތަކުން ހުށަހަޅަމުންދާކަން ފާހަގަ ކުރައްވައި
ސައުދީ ވިދާޅުވީ، އެ ކުންފުނިން ބައިނަލްއަޤުވާމީ ބިޑުތަކުގައި ބައިވެރިވުމުން
އެކަމުގެ ފައިދާ ފެންނާނެ ކަމަށެވެ. އަދި ވިދާޅުވީ، ކުންފުނީގެ ޕޯޓްފޯލިއޯ ވަރުގަދަ
ކުރުމުން އެފަދަ ބިޑުތައް ކާމިޔާބު ކުރަންވެސް ފަސޭހަވާނެ ކަމަށެވެ.
ސައުދީ ވަނީ ބޭރުގެ މަޝްރޫއުތައް ހިންގުމުގައި
އެމްޓީސީސީއާ ބައިވެރިވެގެން މަސައްކަތް ކުރުމަށް ޝައުގުވެރިވާ ބޭރުގެ
ކުންފުނިތަކާ އެކު މަޝްވަރާތަކެއް ކުރިއަށްދާކަންވެސް ހާމަ ކުރައްވާފައެވެ. އަދި ރާއްޖެއިން
ބޭރުގެ މަޝްރޫއުތަކަށް ބިޑުކޮށް އެ ބިޑުތައް ކާމިޔާބުކޮށްގެން އެފަދަ
މަޝްރޫއުތަކުގެ މަސައްކަތް ކުރުމަކީ އެމްޓީސީސީގެ ވަރަށް ބޮޑު އަމާޒެއްކަމަށްވެސް
އޭނާ ވިދާޅުވިއެވެ.
ބޭރުގެ ބިޑުތަކުގައި ބައިވެރިވުމުގެ ވާހަކަ ސައުދީ
ދައްކަވާފައިވާއިރު، ރާއްޖޭގައި އެމްޓީސީސީން ހިންގަން ޙަވާލުކޮށްފައިވާ ބައެއް
މަޝްރޫއުތައް ބާރަށް ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން އެރަށްރަށުގެ ރައްޔިތުން
ގެންދަނީ ފާޅު ކުރަމުންނެވެ. އެގޮތުން އެކި ރަށްރަށުގައި ފަށާފައިވާ ތަރައްޤީގެ
އެކި މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން
ފާޅުކޮށްފައިވެއެވެ.