މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށާއި އެ ޕާޓީގެ އިސް މަޤާމުތަކުން ވަކިކޮށްފައިވާ ބޭފުޅުންގެ މަގާމު އަލުން އިއާދަކުރަން ނިންމައިފި އެވެ.

ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕަރސަން (އިދާރީ)ގެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު އާއި އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މައުރޫފްގެ މަޤާމް އަލުން އިއާދަކުރުމަށް ނިންމާފައިވެ އެވެ. 

އެ ދެ ބޭފުޅުން މަޤާމުން ދުރު ކުރީ ފާއިތުވެ ދިޔަ ދުވަސްތަކުގައި އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރޭގަ އެވެ. 

 އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަ ހައްލުކުރެވޭނެ ގޮތް ހޯދައި، މުޅި ލީޑަރޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް މިހާރު ހޯދިފައިވާކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހާމަކުރައްވާފަ އެވެ. އެގޮތުން  ކުރި މަސައްކަތްތަކަށް ފަހު  ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު އަނބުރާ ގެންދިއުމަށް ނިންމި ކަމަށް އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް މައުލޫމާތު ދީފައިވެ އެވެ. 

ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމުމަށް، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް އޮތް ހޯމަ ދުވަހަށް ތާވަލްކުރި އެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ ޕާޓީގެ ޖަލްސާއެއްގައި ރައީސް ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދިނުމާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިންނެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލީހުގެ 55 މެންބަރުންގެ ސޮޔާއެކު އެ ޕާޓީގެ ވަގުތީ ޗެއާޕަރސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ އެ މަގާމުން ވަކި ކުރަން ހުށަހެޅީ ނިމިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.

މި މައްސަލަތަކާ މެދު ގޮތް ނިންމުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ  އޮންނަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގަ ކަމަށް ވެސް މި ނޫހަށް ވަނީ އެނގިފަ އެވެ. އެނގިފައިވާ ގޮތުން އެ ބައްދަލުވުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ސިއްރުކޮށްގެންނެވެ. އެހެންނަމަވެސް، ބައްދަލުވުމުގައި ނިންމާ ކަންކަން މީޑީއާތަކަށް ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ޕާޓީގެ އަސާސީ ގަވާއިދާ ކަނޑައެޅިގެން ޚިލާފަށް އަމަލު ކުރަން ފަށާފައިވާ ކަމަށް ވެސް ބުނެ އެވެ. އެގޮތުން ޕާޓީގެ ޗެއާޕަރސަންގެ ނައިބު އިބްރާހިމް ވަހީދު އެ މަގާމުން ވަކި ކުރިކަމަށް އެންގުން ހިމެނޭ ކަމަށާއި ޕާޓީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވެސް ކުއްލިގޮތަކަށް އެ މަގާމުން ވަކި ކޮށްފައިވާ ކަމަށާއި އޭނާ ވަކި ކުރި އެއްވެސް ސަބަބެއް ވެސް އަންގާފައި ނުވާ ކަމަށް ވެސް މައްސަލައިގައި ވެ އެވެ.

އެ މައްސަލައިގައި ފާހަގަ ކޮށްފައި ވާގޮތުގައި މި ވަގުތަކީ ނިމިދިޔަ އިންތިޚާބާ ގުޅޭ ގޮތުންނާއި އެހެނިހެން ކަންކަމާ ގުޅިގެން ވެސް ޕާޓީގެ ފަރާތުން ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް މައްސަލަތައް ހުށަހެޅި އެ މައްސަލަތަކާ ގުޅޭ ގޮތުން އެތައް މަސައްކަތެއް ކުރެވެމުންދާ ވަގުތެއް ކަމަށެވެ. އަދި މިފަދަ ވަގުތެއްގައި ކުއްލި ގޮތަކަށް ޕާޓީގެ ލީގަލް ޑިރެކްޓަރު އެއްވެސް ސަބަބެއް އެންގުމަކާ ނުލައި ވަކިކުރުމަކީ ޕާޓީގެ މެންބަރުންގެ މެދުގައި ހިތް ނުތަނަވަސްކަން އުފެދޭނެ ކަމެއް ކަމަށެވެ.