ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ
ލައިން" އާ ގުޅޭ ހޮޓްލައިން ނަންބަރުން ފޯނު ނުނަގާ ކަމުގެ ކަންބޮޑުވުން ގިނަ
ބަޔަކު ފާޅުކުރަން ފަށައިފިއެވެ.
ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ
ލައިން" ގެ ޚިދުމަތް 150 އިލެކްޓްރިކް ކާރާ އެކު ރަސްމީކޮށް އިފްތިތާހްކޮށްފައިވަނީ
2 އޭޕްރީލް 2026 ގައެވެ. އެގޮތުން ފުރަތަމަ ހަފްތާގައި ހިލޭ ދަތުރުކުރެވޭ ގޮތް
އެމްޓީސީސީން އޮތީ ހަމަޖައްސާފައެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން
ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި، މި ޓެކްސީ ލައިންގެ ޚިދުމަތް 24
ގަޑިއިރު އާންމުންނަށް ލިބޭނެ އެވެ. މި ޚިދުމަތް ހޯދުމަށްޓަކައި ޚާއްސަ މޮބައިލް
އެޕްލިކޭޝަނެއް ބޭނުންކުރެވޭނެ ކަމަށާއި، އެ އެޕް މެދުވެރިކޮށް ޓެކްސީއަށް އެދޭ
ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ ހުރި ތަން ފަސޭހަކަމާއެކު
ބަލާލެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
މީގެ އިތުރުން، ކަސްޓަމަރުންނަށް
ދަތުރުކުރުމުގައާއި އެޕްލިކޭޝަން ބޭނުންކުރުމުގައި ދިމާވާ އެކި މައްސަލަތަކަށް
އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމްޓީސީސީން ވަނީ ޚާއްސަ ހޮޓްލައިން
ނަންބަރެއްވެސް ގާއިމުކޮށް ފައެވެ. އެގޮތުން 1655 އަށް ގުޅައިގެން ޓެކްސީގެ
ޚިދުމަތާ ގުޅޭ މައުލޫމާތާއި އެހީތެރިކަން ހޯދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ
އެވެ.
އެހެންނަމަވެސް، ހިލޭ ދަތުރު ކުރެވޭ
މުއްދަތުގައިވެސް އާންމު ޓެކްސީތަކަށް ލިބޭ ދަތުރުތައް މަދުވެފައިނުވާކަމަށް
ޑްރައިވަރސް އެސޯސިއޭޝަނުން ފާހަގަކޮށްފައިވާއިރު، އެމްޓީސީސީގެ ހޮޓްލައިން
ނަންބަރު 1655 އިން ފޯނު ނުނަގާ ކަމުގެ ކަންބޮޑުވުންވެސް ގިނަ ބަޔަކު
މީސްމީޑިއާގައި ހިއްސާކޮށްފައިވެއެވެ.
މީގެ އިތުރުން، މާލެ ޓެކްސީ ލައިންގެ އެޕްލިކޭޝަން
ތައްޔާރުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާކަމުގެ
ކަންބޮޑުވުން އާއްމުން ހިއްސާކުރަމުންދާއިރު، އެކަންކަން ބަލައިދިނުމަށް އެދި ރައްޔިތުންގެ
މަޖިލީހަށްވެސް މައްސަލަ ހުށަހެޅިފައިވެއެވެ.
އެ މައްސަލައިގައި ކޮށްފައިވާ ސުވާލަށް ބަލާއިރު، ބީލަމުގައި
ބައިވެރިވުމަށް ދައުވަތު ދިން ކުންފުނިތަކަކީ ކޮބާތޯ އާއި އެކަމުގައި ބެލި
މިންގަނޑުތަކަކީ ކޮބާތޯ ސުވާލުކޮށްފައި ވެ އެވެ. އަދި އެ ބީލަމުގައި ބައިވެރިވެފައިވާ ފަރާތްތައް ހޮވުމުގައި ކަނޑައެޅި
ޝަރުތުތަކާއި މި މަސައްކަތުގައި އެމްޓީސީސީގެ އައިޓީ ޑިޕާޓްމަންޓުގެ ދައުރެއް އޮތްތޯ
ސާފުކޮށްދިނުމަށް އެދިފައިވެ އެވެ. އަދި މަސައްކަތް ހަވާލުކުރި ފަރާތުގެ މަސައްކަތުގެ
ތަޖުރިބާ އާއި، އެ ތަޖުރިބާ ހާމަކޮށްދޭ ފަދަ ލިޔުމެއް ހުށަހަޅާފައިވާނަމަ އެ ލިޔުން
މަޖިލީހާ ހިއްސާކުރުމަށް ވަނީ އެދިފައެވެ.
އެޕްލިކޭޝަނެއް ހެދުމަށް 13 މިލިއަން ރުފިޔާ
ހަރަދުކޮށްފައިވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވެސް އެމްޓީސީސީއަށް ވަނީ
އަމާޒުވެފަ އެވެ. މިއީ ކޮރަޕްޝަންގެ ބޮޑު އަމަލެއް ކަމަށާއި، މިމަސައްކަތް
ކުރިއަށް ގެންދިޔަ ޕްރޮކިއުމަންޓް ޕްރޮސެސް ސާފުކޮށް ދިނުމަށް
ވެސް ގިނަ ބަޔަކު ގޮވާލާފައިވެ އެވެ. އަދި ބޭރު ދުނިޔޭގެ ގައުމުތަކުގައި
ވެސް ބޭނުންކުރާ މިފަދަ އެޕްލިކޭޝަންތައް ތަރައްގީ ކުރުމަށް ވެސް މިއަދަދަށް ހަރަދު
ނުކުރާކަން ފާހަގަކޮށް ގިނަ ބަޔަކު މިމައްސަލަ ބެލުމަށް އެދިފައިވެ އެވެ.