މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި، އެއްވަރުވުމުގެ ސަބަބުން ނުވަތަ އެ ނޫންވެސް ސަބަބަކާ ހުރެ ދެވަނަ ބުރަކަށް ދާންޖެހުނު ދާއިރާތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކުރެއްވީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން އެ ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ދެއްވި ޚާއްސަ މެސެޖެއްގަ އެވެ. ޒާހިދު ވިދާޅުވީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި ލޯކަލް ކައުންސިލް އިންތިޚާބަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބެއްގައި އެންމެ ގިނަ އަދަދަކަށް ރައްޔިތުން ނުކުމެ ވޯޓުލީ ފަހަރު ކަމަށެވެ. އަދި އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރިއަށްދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ތާރީޚާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒާހިދު ވިދާޅުވީ، ދެވަނަ ބުރަކަށް ވޯޓުލާންޖެހޭ ދާއިރާތަކުގެ ވޯޓުލުން އޭޕްރީލް މަހުގެ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވާ ކަމަށެވެ. މި އިންތިޚާބުގެ ދެވަނަ ބުރަށް ދާ ދާއިރާތަކުގެ ވޯޓުލުން ކުރިއަށްގެންދިއުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިހާރު ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި އިންތިޚާބުގެ ދެވަނަ ބުރަށް ދާ ދާއިރާތަކުގެ އިންތިޚާބު 2026 އެޕްރީލް، އާދެ މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ބޭއްވިގެންދާނެ. މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކުރުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ފަށައިފިން.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު

މިފަހަރުގެ އިންތިޚާބާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކަށް އަލިއަޅުއްވާލައްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ، ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް މިހާތަނަށް ޖުމްލަ 170 ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. މި ޝަކުވާތަކާ ގުޅިގެން ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެ ފަރާތްތަކަށް ޖަވާބު އެރުވުމުގެ މަސައްކަތް ކޮމިޝަނުން މިހާރު ކުރަމުންދާ ކަމަށް ޒާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން، ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ދޭ ޖަވާބާމެދު ހިތްހަމަނުޖެހޭނަމަ، އެ މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުގެ ޤާނޫނީ ޙައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާކަން ޒާހިދު ފާހަގަކުރެއްވި އެވެ. އެގޮތުން މިއަދުން ފެށިގެން ކުރިއަށް އޮތް 14 ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވި އެވެ.