ރައީސް ޑރ.މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު ބަޖަޓެއް ދިން ނަމަވެސް ދެ އަހަރާއި ބައި ވެންގެންދިޔައިރު ރައްޔިތުންނަށް ބޭސް ގުޅައެއް ނުލިބޭ ހިސާބަށް ދިއުމުން މިއީ ވަރަށް ނާގާބިލް ސަރުކާރެއްގެ ގޮތުގައި ރައްޔިތުން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ނާޒިލް ވިދާޅުވީ، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގައި ރައްޔިތުން ވަރަށް ސާފުކޮށް ކަޅާހުދުން ސަރުކާރަށް ޖަވާބުދީފައިވާ ކަމަށާއި، މިއީ ނާގާބިލް ސަރުކާރެއްގެ ގޮތުގައި ނިންމާފައިވާ ކަމަށެވެ. 

ދިވެހި ރައްޔިތުންގެ ތެރެއިން 148000ށް ވުރެ ގިނަ ރައްޔިތުން މިހާރުގެ ރައީސްއަށް ނޫނެކޭ ބުނެފައިވާކަން ފާހަގަކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު ބަޖަޓެއް ދިން ނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާ ކަމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ލުއި ލިބޭނެ އެއްވެސް ކަމެއް ކުރިއަށް ނުގެންދާ ކަމަށެވެ.

މެންބަރު ނާޒިލް ވިދާޅުވީ އިންތިޚާބާ ދިމާކޮށް ރާއްޖޭގެ 80 ރަށަށް ދިޔަ ކަމަށާއި، އެއިން އެއްވެސް ރަށެއްގައި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ވެސް ކުރިއަށް ނުދާ ކަމަށެވެ. އަދި އައު މަޝްރޫއެއް ފެށިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ތިން އިންތިޚާބެއް ނިމިދިޔައީ ވަގުތީ ނަތީޖާ ވަރަށް ސާފުކޮށް އެބައޮތް ފެންނަން. ދެ އަހަރާއި ބައި ސަރުކާރަށް ވެގެންދިޔައީ އަޅުގަނޑުމެންނަށް ދިވެހި ރައްޔިތުން ސަރުކާރަށް ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާއަށް ނޫނެކޭ ބުނެފި. އެއީ ދެ އަހަރާއި ބައިވެގެން ދިޔައިރު ރައްޔިތުންގެ ފައިސާއިން ބޮޑު އަދަދެއް ބަޖެޓުގައި ފާސްކުރެވި ރައްޔިތުންނަށް އެއްވެސް ކަމެއް އެންމެ ކުޑަ މިނުން ބޭސް ގުޅައެއް ވެސް އެނގޭތޯ ބޭސް ގުޅައެއް ވެސް ނުލިބޭ ހިސާބަށް ދިޔައީމަ ރައްޔިތުން ވަރަށް ސާފުކޮށް ނާގާބިލް ސަރުކާރެއް ކަމަށް ރައްޔިތުން ބުނެފި.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

މެންބަރު ނާޒިލް ވިދާޅުވީ ރައީސް މުއިއްޒު އާއި ވަޒީރު ބޭފުޅުންނަށް ދައުލަތް އަދި ސަރުކާރު ހިންގަން ނޭނގޭ ކަމަށެވެ. އެކަމުގެ ނަތީޖާއެއް ގޮތުން މިއަދު ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހަރަދު ބޮޑުވެ ދަތިވެފައިވާ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ. އަދި ވިދާޅުވީ މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލެމުންދާއިރު، ކޮންޓިންޖެންސީ ބަޖެޓުގެ ބޭނުން ނުހިފާ ކަމަށާއި، ރައްޔިތުންނަށް ލުއި ނުކޮށްދޭ ކަމަށެވެ. 

2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު 2025 ވަނަ އަހަރުގެ ބަޖެޓަށް އެންމެ ރުފިޔާއެއް ވެސް އިތުރު ނުކޮށް މަދުނުކޮށް ބަރާބަރަށް ހުސް ކުރިކަން އިއުލާން ކުރެއްވިއިރު، ބަޖެޓުން ކުރި މަސައްކަތެއް ރައްޔިތުންނަށް ދައްކަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން ބަޖެޓު ހުސްކުރަމުންދާ ގޮތާއި ގުޅޭގޮތުން ރައްޔިތުން ސުވާލު އުފައްދާ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ.