ވެރިކަމުގައި ހުރުމުގެ މައިގަނޑު އުންސުރަކީ ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ރައްޔިތުންގެ ތާއީދު އޮތުން ކަމަށާއި އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިގައި މިހާރު ފުރިހަމަ ނުވާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވި އެވެ.
އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ފެންނަ ނުފެންނަ ވޯޓުން އެނގުނީ ރައްޔިތުންގެ އިތުބާރު ދައުލަތަށް ނެތް މިންވަރު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ޤާނޫނުއަސާސީ އަށް ބޭނުންހާ ބަދަލެއް ގެނެސް، ރައީސް މުއިއްޒު ބޭނުންފުޅު ވާހާ ގޮތަކަށް ގައުމު ހިންގަން ރައްޔިތުން ފުރުސަތު ނުދޭނެކަން ކަމަށް ސަލީމް ވިދާޅުވި އެވެ. ސާފު ބަހުން ރައްޔިތުން ބުނަނީ ވެރިކަމުގައި ހުރި މީހާ ކަމުނުދާ ވާހަކަ ކަމަށާއި ރައްޔިތުން އެދެނީ ވަރިވާން ކަމަށް އޭނާ ސިފަކުރެއްވި އެވެ. ދައުލަތުގެ ފައިސާ އާއި އެހެނިހެން ކަންކަމުގައި ވެރި މީހާ ނިންމާ ނިންމުންތައް ރައްޔިތުންނަށް ކަމު ނުދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ރައްޔިތުން ބުނަނީ ދައުލަތުގެ ކުފޫ ހަމަ ނުވާ ވާހަކަ ކަމަށާއި އެފަދަ ބަޔަކާއި އެކު ރައްޔިތުން ކުރިއަށް ދާން ބޭނުން ނުވާ ކަމަށް ވެސް ސަލީމް ވިދާޅުވެފަ އެވެ.
އެއްވެސް ވޯޓެއްގައި 71% އިން ރައްޔިތުން މިހާ ސާފުކޮށް ކަމެއްގެ ވާހަކަ އެއް ނުބުނޭ އިނގޭތޯ. މިއޮތީ ބުނެފަ. އެހެންވީމަ މިކަހަލަ ބައްޔެއް މިއީ، ދައުލަތުގެ ކުފޫހަމަ ނުވާ ކަން މިއީ. މީގެ މާނަ އޮޅުވާލައިގެން ތިބެވިދާނެ އިނގޭތޯ." ސަލީމް ވިދާޅުވި އެވެ.
މީގެ އިތުުރުން ނިމިދިޔަ ފެންނަ ނުފެންނަ އިންތިޚާބު ރައްޔިތުންނަށް އޮޅުވާލަން ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިކަމަށް އޭނާ ވިދާޅުވި އެވެ. ވޯޓުލަމުން ދިޔަ އިރު ވެސް ފެނުނީ ދައުލަތުގެ އޮފިޝަލުން އެކަކު އަނެކަކަށް އިތުބާރު ނުކުރާ މިންވަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ސިއްހަތު ރަނގަޅު މީހުންގެ ވޯޓު ކަރުދާސް އޮފިޝަލުންގެ އަތަށް ދީގެން އެ އޮފިޝަލުން ލައްވާ ވޯޓުލާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ދައުލަތަށް ދިމާވެގެން އުޅޭ މައްސަލައަކީ ވެސް އެކަކު އަނެކަކަށް އިތުބާރު ނުކުރެވުމުގެ މައްސަލަ ކަމަށް މާޒް ސަލީމް ވިދާޅުވި އެވެ.