މާފަންނު ސަބުދެލި މަގުގައި ހުންނަ އިމާރާތެއްގެ މަތިން މީހަކު ވެއްޓި ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެ އެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 18:20 އެހާކަންހާއިރު އެވެ.
ފުލުހުންގެ އިދާރާ އިން ހާމަކުރި ތަފްސީލުތަކުގައިވާ ގޮތުން މި ހާދިސާގައި ވެއްޓިފައި ވަނީ އުމުރުން 30 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭނާ ވެއްޓިފައި ވަނީ އިމާރާތުގެ 10 ވަނަ ފަންގިފިލާ އިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ މި ފިރިހެން މީހާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް މިހާރު ވަނީ ފަރުވާ ދޭން ފަށާފަ އެވެ. އައިޖީއެމް ހޮސްޕިޓަލުން ބުނީ ފަރުވާ ދެމުން އަންނަނީ އިމަޖެންސީ ވޯޑުގައި ކަމަށެވެ.
ނަމަވެސް އޭނާގެ ހާލަތާއި ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު ހޮސްޕިޓަލުން އަދި ފުލުހުން ވެސް ހާމަ ކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.