މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެ ކުންފުނީގެ އިދާރީ މުވައްޒަފުންގެ މަސައްކަތު ގަޑި ކުރުކުރުމަށް ނިންމައިފި އެވެ.

އެމްޕީއެލް އިން ބުރާސްފަތި ދުވަހު ބުނީ، މި ބަދަލު ގެނައި ނަމަވެސް ބަނދަރުން މުދާ ކްލިއާ ކުރުމުގެ މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އެމްޕީއެލް އިން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން މި ނިންމީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެދާނެ ނުރައްކާތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ކުންފުނިތަކުން ޚަރަދު ކުޑަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވެސް ވަނީ މީގެ ކުރިން އަންގައިފަ އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައިވާ ގޮތުން، އަންނަ އަންގާރަ ދުވަހުން ފެށިގެން ޝިފްޓް އުސޫލުން މަސައްކަތް ނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 7:30 އިން މެންދުރުފަހު 14:00 އަށް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މީގެ ކުރިން އެ މުވައްޒަފުން މަސައްކަތް ކުރަމުން އައީ ހެނދުނު 7:30 އިން ހަވީރު 15:30 އަށެވެ. މީގެ އިތުރުން، އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތު ގަޑި ދުވާލަކު އަށް ގަޑިއިރަށްވުރެ އިތުރުނުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ޚަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތަކަށް ބަލާއިރު، ރާއްޖޭން ބޭރަށް ކުރަންޖެހޭ ކޮންމެހެން މުހިންމު ރަސްމީ ދަތުރުތައް ފިޔަވައި އެހެން ހުރިހާ ދަތުރުތަކެއް އެމްޕީއެލް އިން ވަނީ ހުއްޓާލައިފަ އެވެ. އަދި ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތަކުގައި ވެސް ބޭރުގެ ފަރާތްތަކުން ޚަރަދު ހަމަޖައްސާ ގޮތަށް ދަތުރުކުރުމަށާއި، ބޭރުގެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ ބައްދަލުކުރުމުގައި އޮންލައިން ވަސީލަތްތައް ބޭނުންކުރުމަށް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

އެމްޕީއެލް އިން ބުނި ގޮތުގައި މުވައްޒަފުންގެ ގަޑިތަކަށް ބަދަލު ގެނައި ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމާއި މުދާ ކްލިއާ ކުރުމުގެ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ އެވެ. އަދި މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ލިބޭ ޚިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

އެމްޕީއެލް އިން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އިއުލާންކޮށްފައި މިވަނީ، މާލޭ ބަނދަރުން މުދާ ހުސްކުރުމުގައި ލަސްތަކެއް އުޅޭ ކަމަށާއި އޭގެ ސަބަބުން ރާއްޖެ އަށް ގެންނަންޖެހޭ ގިނަ އަދަދެއްގެ ކޮންޓެއިނަރުތައް ބޭރުގެ ބަނދަރުތަކުގައި ތާށިވެފައި ހުރި ކަމަށް ބުނެ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.