ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި އެރަށުގެ އައިސްޕްލާންޓް އެއްކޮށް އަނދާ ހުލިވެއްޖެ އެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 ހާއިރު އެވެ.
ރާއްޖެއެމްވީއަށް އެސަރަހައްދުގައި ހުރި މީހަކު ކިޔަދިން ގޮތުގައި ތެޔޮ ބޯޓުގައި ރޯވި އަލިފާން ވަރަށް ބޮޑަށް ފެތުރި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަަމަށެވެ.
މިހާދިސާގައި އެރަށުގައި މިފްކޯ އައިސްޕްލާންޓް އެއްކޮށް އަނދާ ހުލިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ފާނު މަސްވެރިކަން ކުރާ ދެ ދޯންނާއި، ވެލިއަރުވާ ދޯންޏެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އަލަށް ބާލާފައި އޮތް ފައިބަރު ދޯންޏަކަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަަމަށެވެ.
މީގެ އިތުރުން އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބަައިތަކަށް ވެސް ގެއްލުން ވެފައިވެ އެވެ.
އެމްއެންޑީއެފުން ބުނީ، މިހާދިސާގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:35 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ.