ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ
މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ޙުކުމް ކުރުން އަންނަ އާދިއްތަ
ދުވަހަށް ތާވަލުކޮށްފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިތާ ގިނަ
ދުވަސްތަކެއް ވެފައިވާއިރު، އޭރު މައްސަލަ ކުރިއަށް ނުގޮސް އޮތީ ސުޕްރީމް ކޯޓުގެ
ފަނޑިޔާރުންތަކެއް ވަކި ކުރުމާ ގުޅިގެންނެވެ. އެގޮތުން ދުސްތޫރީ ބޮޑެތި
މައްސަލަތައް ކުރިޔަށް ގެންދެވޭނީ ހަތް ފަނޑިޔާރުން ނުވަތަ ފަސް ފަނޑިޔާރުންގެ
ބެންޗަކުން ބައްލަވާ ގޮތަށެވެ.
އަދި 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މި
މައްސަލައިގެ އަޑުއެހުންތައް ނިންމާލި ނަމަވެސް، ޙުކުމް ކުރުމުގެ އަޑުއެހުން ނުބާއްވައި
ގިނަ ދުވަސްތަކެއް މިވަނީ ވެފައެވެ.
ވަކިން ޚާއްސަކޮށް އައު ބެންޗު އެކުލަވާލި ފަހުންވެސް
މި މައްސަލަ ކުރިއަށް ނުގޮސް ގިނަ ދުވަސްތަކެއް ވަންދެން އޮތެވެ.
އެންމެ ފަހުން ގިނަ ދުވަސްތަކަކަށްފަހު މި
މައްސަލައިގެ ޙުކުމް ކުރުމުގެ އަޑުއެހުން މިހާރު ތާވަލުކޮށްފައިވަނީ އަންނަ
އާދީއްތަ ދުވަހުގެ މެންދުރުފަހު، 12:45 އަކަށެވެ.
ޕީއެންސީގެ މެމްބަރު، ސިނާންގެ ގޮނޑި
ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ
ބޭންކް ލޯނެއްގެ މައްސަލައިގަ އެވެ. މިއީ އޭނާ އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ
ލޯނެއް، ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާކަމަށް ބުނެ ހުށަހެޅި މައްސަލަ
އެކެވެ.
ގާނޫނުއަސާސީގައި ވާގޮތުން، ރައްޔިތުންގެ
މަޖިލީހުގެ މެމްބަރަކު ހުކުމާއި އެއްގޮތަށް ސާބިތު ދަރަނި ދައްކަވަމުން ނުދާނަމަ،
އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.
މައްސަލައިގައި ހިމެނެނީ ސިނާނު އެހެން ބަޔަކާއި
ގުޅިގެން އެމްއައިބީން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެ. އަދި ލޯނުން
2.5 މިލިއަން ރުފިޔާ ނުދައްކާތީ ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމް ކުރީ ހަ މަސް
ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރުމަށެވެ. އަދި ހަ މަހަށް
ބަހައިލުމުން ކޮންމެ މަހަކަށް ޖެހޭ އަދަދު މަދުވެގެން މަހަކު ކޯޓަށް ދެއްކުމަށް
ވެއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ
ބަހުސަށް ބަލާއިރު، މައިގަނޑު ސުވާލެއް އަމާޒުވީ ސިނާން ދަރަނި ދެއްކީ ކޯޓުން ކުރި
ހުކުމާ އެއްގޮތަށްތޯ ނޫންތޯއާ މެދުއެވެ. ސިނާންގެ ވަކީލު ވިދާޅުވާ ގޮތުގައި ދަރަނި
ދައްކަން ކޯޓުން ދިން މުއްދަތަކީ ހަ މަސްދުވަހެވެ. އަދި އެ މުއްދަތު ހަމަނުވަނީސް
ދަރަނި ދައްކާފައިވާ ކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ. އަދި ދަރަނި
ދައްކާފައިވަނީ މިފަދަ ހުކުމެއް އޮތްކަން މެމްބަރަށް އެނގިވަޑައިގަތުމާ
އެކުކަމަށްވެސް ވިދާޅުވިއެވެ.
ސިނާންގެ ވަކީލު ވިދާޅުވީ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ ސިނާން މައްސަލައަށް
އައްޔަންކުރި ވަކީލު ހާޒިރުނުވެވޭނެ ކަމަށް އަންގާފައިވަނިކޮށް ގައިރު ހާޒިރުގައި ކަމަށާއި، ހުކުމް ކުރި ކަމެއް ވެސް މެންބަރު ސިނާނަށް
އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ހަމައެއާއެކު، މެމްބަރު ސިނާނަށް ހުކުމުގެ
މައުލޫމާތު ލިބިވަޑައިގަތީ އޭގެ މާ ފަހުންކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ
އެ މައުލޫމާތު އެނގިވަޑައިގެންނެވީ ފަހުން ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް
ކޯޓަށް ހުށަހެޅި ރަޖިސްޓްރީ ކުރުމުން ކަމަށެވެ.
އެހެންކަމުން ދަރަނި ދެއްކުމުގެ ހުކުމުގެ
މައުލޫމާތު ސިނާނަށް އެނގިވަޑައިގަތް ސީދާ ދުވަހުގެ ތާރީހު އަދި ދަރަނީގެ ފައިސާ ދެއްކި ގޮތް އެނގޭނެ ލިޔެކިޔުންތަކާއި ބޭންކް ސްޓޭޓްމަންޓްތައް
ކޯޓަށް ހުށަހެޅުމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން އެންގެވިއެވެ.
ސިނާންގެ ވަކީލު ވިދާޅުވީ،
އޭނާއަށް ޙުކުމެއް އޮތްކަން އެނގިވަޑައިގެންނެވީ ސިނާނަށް ހުކުމެއް އޮތްކަން އެނގިވަޑައިގަތީ 22 ޖެނުއަރީ 2025 ގައި ކަމަށެވެ. އަދި ކުމެއް އޮތްކަން އެނގިވަޑައިގަތް ދުވަހުން ފެށިގެން މަސައްކަތްކުރެއްވީ ހުކުމުގައިވާ
ދަރަނި ދެއްކުމަށް ކަމަށާއި، ފައިސާ ހަމަޖެހުމާ އެކު 1.7 މިލިއަން ރުފިޔާ 13 ފެބްރުއަރީގައި ދައްކައި، ބާކީ ބައި ހުކުމުގައިވާ ހަ މަސްދުވަހުގެ މުއްދަތު
ހަމަވުމުގެ ކުރިއަށް ދައްކާފައިވާނެކަމަށް ވިދާޅުވިއެވެ.
މި މައްސަލަ ހުށަހެޅި ގާލިބު ސަލީމްގެ ވަކީލު
ވިދާޅުވީ، ކުމްކުރި ދުވަހު މެޖިސްޓްރޭޓް ކޯޓުން ވަނީ ވައިބާ މެދުވެރިކޮށް ސިނާނަށް
ހުކުމް ފޮނުވި ކަމަށާއި، ހުކުމް ލިބުނުކަން ކަށަވަރުކުރުމަށް މެސެޖު ފޮނުވުމަށް
ފަހު، ގުޅައި ވައިބާއިން ހުކުމް ފޮނުވިކަންވެސް ކޯޓުން
އަންގާފައިވާ ކަމަށެވެ. އަދި މެސެޖު ލިބިފައިވާކަމަށް ބުނެ ”ގޮޓް އިޓް“ ޖަހާފައި
ސިނާން ރިޕްލައިވެސް ކުރެއްވިއެވެ.
އެކަމާ ގުޅޭގޮތުން ސިނާންގެ ވަކީލު ވިދާޅުވީ،
ވައިބާއިން ފޮނުވި މެސެޖު ލިބުނު ނަމަވެސް ސިނާން އެ ހުކުމެއް ނުބައްލަވާ ކަމަށެވެ.
މިއީ 20 ވަނަ މަޖިލީހުގެ މެމްބަރެއްގެ ގޮނޑިއާއި
މެދު ސުވާލު އުފައްދައި ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.