"އުދަރެސް" ބޯޓުން ގެއްލުނު މީހާ، ސަލާމަތުން އޮއްވައި ފެނިފައިވާ ކަމަށާއި، އެމީހާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ދެ ދިވެހިންނާއި 10 ބިދޭސީން ދަތުރުކުރި މި ބޯޓު ލ. އަތޮޅު ސިކްސެންސް ލާމު ރިސޯޓް ކައިރީގައި އޮތް ފަރަކަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 01:21 ހާއިރު އެވެ.
މިހާދިސާގައި ދުވަސްވީ ފިރިހެނަކު ގެއްލިފައިވާ ކަމަށާއި، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭރު އެމްއެންޑީއެފުން ބުންޏެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު 10:45 ގައި ފުލުހުންގެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔަ މީހާ، އޮޔާދިޔަ ޕެލެޓެއްގެ މަތީގައި އޮއްވާ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ފެނިފައިވާ ކަމަށެވެ. އެމީހާ ފެނިފައިވަނީ 9 އޭޕްރީލް 2026 ވަނަ ދުވަހުގެ ހެނދުނު 10:15 އެހައިކަންހާއިރު ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ، ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެމީހާ އަށް މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.
އުދަރެސް ބޯޓު ފަރަަށް އެރީ މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަމުން ދަނިކޮށެވެ.
އުދަރެސް ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.