ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މިނިސްޓަރުންނާ
ކުރި ސުވާލުތަކުގެ ތެރެއިން 60 އަށް ވުރެ ގިނަ ސުވާލަށް މިހާތަނަށް ޖަވާބު ލިބިފައި ނުވާކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް
(ކުޑޫ) ވިދާޅުވެއްޖެއެވެ.
މެމްބަރު އެފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ
މަޖިލީހުގެ ރައީސަށް އެޑްރެސް ކުރައްވައި ފޮނުއްވެވި ސިޓީއެއްގައެވެ.
އެ ސިޓީގައި މެމްބަރު ވަނީ އެމްޑީޕީގެ މަޖިލިސް
މެމްބަރުންގެ ފަރާތުން ޑިސެމްބަރު 4، 2024 އިން ފެށިގެން ޖެނުއަރީ 13، 2026 އާ
ހަމައަށް ފޮނުވާފައިވާ ސުވާލުތަކަށް މިއަދާ ހަމައަށް ވެސް ޖަވާބު ލިބިފައިނުވާކަން
ފާހަގަ ކުރައްވާފައެވެ.
ކުޑޫ ހުށަހަޅުއްވާފައިވާ
ލިއުންތަކުން އެނގޭ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުން
މިނިސްޓަރުންނަށް ފޮނުއްވާފައިވާ 62 ސުވާލަށް މިހާތަނަށް ޖަވާބު ނުލިބި އެބަ އޮތެވެ.
އެ ސުވާލުތަކުގެ ތަފްސީލުތައް ވެސް ސިޓީއާއެކު ހިމަނުއްވާފައިވެއެވެ.
މެމްބަރު ހުށަހެޅުއްވި ސިޓީގައި ވަނީ ކަނޑައެޅިގެން
ގާނޫނެއްގައި ވަކި ގޮތަކަށް އޮއްވައި، އެގޮތަށް އެކަން ނުކުރުމަކީ ގާނޫނަކާ
ހިލާފުވުމުގެ އަމަލެއް ކަމަށް ދެކެވަޑައިގަންނަވާކަން ފާހަގަ ކުރައްވާފައެވެ.
މެމްބަރު ވަނީ މާލޭ ޓެކްސީ ލައިންގެ އެޕްލިކޭޝަން
އެކުލަވާލުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ބަލައިދިނުމަށް
އެދި ވެސް ސިޓީއެއް ފޮނުވާފައެވެ. އެގޮތުން މި މައްސަލަ އާއި ގުޅޭ ގޮތުން އޭނާ
ހުށަހަޅުއްވާފައިވާ ސުވާލުތަކަށް ބަލާ އިރު އެޕް އެކުލަވާލުމަށް ހުޅުވާލައި ބޭއްވި
ބީލަމުގައި ބައިވެރިވުމަށް ދައުވަތު ދިން ކުންފުނިތަކަކީ ކޮބައިތޯ އާއި އެކަމުގައި
ބެލި މިންގަނޑުތަކަކީ ކޮބާތޯ ސުވާލުކުރައްވާފައި ވެ އެވެ.