މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބަށް ފަހު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވާނެ ކަމަށް ދެކެވޭ ވާހަކަ އަކީ ސިޔާސީ ވާހަކައެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. 

ސައީދު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބަށް ފަހު މަޑުމަޑުން ތަކެތީގެ އަގު ބޮޑުކުރަން އުޅޭ ވާހަކަ އަކީ ސަރުކާރާ އިދިކޮޅު ފަރާތަކުން ދައްކާ ހަގީގަތެއް ނެތް ސިޔާސީ ވާހަކައެއް ކަމަށެވެ. ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވާ ވަރަކަށް ރާއްޖޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިޚާބުގެ ފަހުން ތަކެތީގެ އަގު ބޮޑުވާނެ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން، އަޅުގަނޑުމެންނާ މިވަގުތު ސިޔާސީ ގޮތުން ޚިޔާލު ތަފާތު ފަރާތްތަކުން އެ ދައްކާ ވާހަކަ އަކީ ސިޔާސީ ވާހަކަ. އެއީ މާކެޓާ ގުޅުންހުރި ވާހަކައެއް ނޫން. މިސާލަކަށް އަޅުގަނޑު ދަންނަވާފާނަން ދެ މިސާލެއް. އިންތިޚާބު ފެށުމުގެ ކުރިން ފިއުލް ޕްރައިސް ބޮޑު ވެއްޖެ. އިންޓަނޭޝަނަލް ބާޒާރުގަ ބޮޑުވި އިރަށް. އެއީ ވަކި ސިސްޓަމެއްގެ ތެރެއިން ހިނގާ ކަމެއް ވީމަ ބޮޑުވެއްޖެ. އިންތިޚާބެއް އަންނާތީ ފިއުލް ޕްރައިސް ބޮޑު ނުވެ އެއް ވެސް ނެތް ތާ.؟
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

އެއީ އިންތިހާބަކާ ގުޅިގެން އަންނަ ބަދަލެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ. މިގޮތުން ސައީދު ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު އިންތިހާބުތަކުގެ ކުރިން އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުވި ވާހަކަ ފާހަގަކުރައްވާފަ އެވެ.

ތަކެތީގެ އަގު ބޮޑުކުރުމަކީ ސަރުކާރުން ގެންގުޅޭ ވިސްނުމެއް ނޫން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. ނަމަވެސް މާކެޓަށް އަންނަ ބަދަލުތަކާއެކު، ހާއްސަކޮށް މެދުއިރުމަތީގައި ހަނގުރާމަ ހިނގަމުންދާއިރު، ތެލާއި ގޭސް ހިމެނޭ ގޮތަށް ބައެއް ތަކެތީގެ އަގަށް ބަދަލުތަކެއް އަންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ހާއްސަކޮށް ތެލާއި ގޭހުގެ އަގު ބޮޑުވުމުގެ އިތުރުން މުދާ އުފުލުމުގެ ހަރަދުތައް ވެސް ބޮޑުވެފައިވާކަން ފާހަގަކުރެވެ އެވެ.