ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި ފޮޓޯއާއެކު އަންގާރަ ދުވަހު އިއުލާންކޮށްފައިވަނީ، ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލްގެ ދެބެއިންގެ ދެދަރި ކޮއްކޮއެއް ކަމަށާއި، އޭނާ ގެ މައްޗަށް ކުރެވޭ ތުހުމަތަކީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުން ކަން އެނގިއްޖެ އެވެ.

ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް، ފޮޓޯއާއެކު ފުލުހުން މިއަދު އިއުލާންކޮށްފައި ވަނީ ރާހި / ފ. ނިލަންދޫ، އިޒްޔަން ޢަބްދުލްޙަމީދު (38އ) އެވެ. އޭނާއަކީ ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލްގެ ދެބެންގެ ދެދަރި ކޮއްކޮއެއްކަން ވަނީ އިތުބާރު ހުރި މަސްދަރުތަކުން އެނގިފަ އެވެ. އިޒްޔަންގެ މަންމައާއި ޚަލީލްގެ ބައްޕައަކީ ދެބެންނެވެ. އިޒްޔަންގެ ބައްޕައަކީ، ޚަލީލްގެ އަނބިކަނބަލުންގެ ބައްޕައާ އެއްބަނޑު އެއްބަފާ މީހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އިޒްޔަންގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެވެ. އިޒްޔާން، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ރިޕޯޓްކޮށްފައި ވަނީ އެ ކުއްޖާގެ މަންމަ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމުން، އިޒްޔަން ވަނީ ރާއްޖެ އިން ބޭރަށް ފުރާފަ އެވެ. އެނގިފައިވާ ގޮތުގައި އިޒްޔަން ރާއްޖެ އިން ބޭރަށް ފުރުވާލީ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އެވެ.

އިޒްޔަން ފުލުސް އޮފީހަށް ހާޒިރު ކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހަށެވެ.

އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ވަރަށް ބޮޑު ކުށެކެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި "އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި މީހާ" މާނަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ނުވަތަ އާއިލާގެ މެންބަރުންނާއި ކުއްޖާގެ މުދައްރިސުން ނުވަތަ ކިޔަވައިދޭ މީހުން ނުވަތަ ކޯޗުން އަދި ކުއްޖާއަށް ޞިއްޙީ ފަރުވާދޭ ޑޮކްޓަރުން ނުވަތަ ނަރުހުންގެ އިތުރުން ކުއްޖާ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެވަގުތަކު ހަވާލުވެފައިވާ ކޮންމެ މީހެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނުގައިވާ ގޮތުން މިފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ. އަދި މިފަދަ ކުށެއް ސާބިތުވާ މީހުންނަށް އަދަބު ލުއިކޮށްދިނުމާއި، މާފުދިނުމާއި، އަދި އަވަހަށް ދޫކޮށްލުމަކީ މި ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.

މީގެ އިތުރުން، ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތައް ރިޕޯޓްކުރުމަކީ ކޮންމެ މީހަކަށްމެ ލާޒިމް ކަމެކެވެ.