އިންތިޚާބާ ކައިރިކޮށް
ކޮރަޕްޝަނާއި، ނުސީދާ ރިޝްވަތަށް ރައްޔިތުންގެ ޓެކްސް
ފައިސާ ޚަރަދު ކޮށްފައިވާ ކަމަށާއި، އެކަންކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން
ޖެހޭނީ ރައީސުލްޖުމްހޫރިއްޔާކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ
ދީދީ ވިދާޅުވެއްޖެއެވެ.
ޑރ ދީދީ އެފަދައިން ވިދާޅުވީ ސަރުކާރުގެ ސިޔާސީ
މަޤާމުތައް މަދު ކުރުމަށް، ޕާފޯމަންސް ރިޕޯޓުތައް ހުށަހެޅުމަށް ސަރުކާރުން
އަންގާފައިވާކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވާއިރު އެކަމާ ގުޅިގެން އެކްސްގައި
ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޑރ ދީދީ ވިދާޅުވީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އާ ޚިލާފަށް
ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ
މަޤާމުތަކަށް، ބޭނުން ނުވާ މިންވަރަށް ގިނަޢަދަދަކަށް މީހުން އައްޔަނު ކޮށްފައިވާ
ކަމަށެވެ.
މީގެ އިތުރުން،
އިންތިޚާބާ ކައިރިކޮށް ކޮރަޕްޝަނާއި ނުސީދާ ރިޝްވަތަށް ރައްޔިތުންގެ
ޓެކްސް ފައިސާ ޚަރަދުކޮށް، ބާރުތަކާއި އިޚްތިޔާރު ނަހަމަގޮތުގައި ބޭނުން ކޮށްފައިވާކަމަށް ވެސް
އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ ދީދީ އިތުރަށް
ވިދާޅުވީ، ސިޔާސީގޮތުން މިކަމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ
ރައީސުލްޖުމްހޫރިއްޔާ އާއި މުޅި ސަރުކާރުން ކަމަށާއި، ވަކިވަކި ސިޔާސީ
މުވައްޒަފުންނެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، ސަރުކާރުގެ ޕާރފޮމަންސް ގެ ނަތީޖާ
މިއަދު ފެންނަން އެބައޮތް ކަމަށެވެ.
އެހެންކަމުން ސިޔާސީ
ޑްރާމާ ކުޅުން ހުއްޓާލުމަށް ފަހު، އަޅަންޖެހޭ ޙަޤީޤީ ފިޔަވަޅުތައް އެޅުމަށް
އަވަސްވެގަތުން މާ މުހިއްމުކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ސަރުކާރުން
ގެންދަނީ ކުއްލި ގޮތަކަށް ޚަރަދު ކުޑަކުރުމުގެ ނަމުގައި ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އަދި އިންތިޚާބުތައް ނިމުމާއެކު ސަރުކާރުން އެކިއެކި ޚިދުމަތާއި މުދަލުގެ އަގު
ބޮޑުކުރާނެކަމަށް އެތައް ބަޔަކު ބުނެފައިވަނިކޮށް އެކަން ވެސް ވަނީ ފެންނަން ފަށާފައެވެ.