މާލޭ ޓެކްސީ ލައިންގެ އެޕްލިކޭޝަން އެކުލަވާލުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވައި ކުޑޫ  ހުށަހަޅުއްވާފައިވާ މައްސަލައިގައި ބުނެފައި ވަނީ މާލެ ޓެކްސީ ލައިންގެ އެޕްލިކޭޝަން ތައްޔާރުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާކަމުގެ ކަންބޮޑުވުން އާއްމުން ހިއްސާކުރަމުންދާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ކޮމިޓީ އިން އެ މައްސަލަ ބަލާ ދިނުމަށް އޭނާ ވަނީ އެދިވަޑައިގަންނަވާފަ އެވެ. 

މި މައްސަލަ އާއި ގުޅޭ ގޮތުން އޭނާ ހުށަހަޅުއްވާފައިވާ ސުވާލުތަކަށް ބަލާ އިރު އެޕް އެކުލަވާލުމަށް ހުޅުވާލައި ބޭއްވި ބީލަމުގައި ބައިވެރިވުމަށް ދައުވަތު ދިން ކުންފުނިތަކަކީ ކޮބާތޯ އާއި އެކަމުގައި ބެލި މިންގަނޑުތަކަކީ ކޮބާތޯ ސުވާލުކޮށްފައި ވެ އެވެ.

މީގެ އިތުރުން އެ ބީލަމުގައި ބައިވެރިވެފައިވާ ފަރާތްތައް ހޮވުމުގައި ކަނޑައެޅި ޝަރުތުތަކާއި މި މަސައްކަތުގައި އެމްޓީސީސީގެ އައިޓީ ޑިޕާޓްމަންޓުގެ ދައުރެއް އޮތްތޯ ސާފުކޮށްދިނުމަށް އެދިފައިވެ އެވެ. އަދި މަސައްކަތް ހަވާލުކުރި ފަރާތުގެ މަސައްކަތުގެ ތަޖުރިބާ އާއި، އެ ތަޖުރިބާ ހާމަކޮށްދޭ ފަދަ ލިޔުމެއް ހުށަހަޅާފައިވާނަމަ އެ ލިޔުން މަޖިލީހާ ހިއްސާކުރުމަށް ވަނީ އެދިފައެވެ.

އިންވެސްޓްމަންޓް ކޮމިޓީގެ އަޣުލަބިއްޔަތުން އެއީ ކުންފުންޏަށް ފައިދާ ވާ ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަށާއި، ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ޕޮލިސީތަކުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަ ކުރި މިންވަރު ސާފުކުރުމަށާއި އެ ނޫން މުހިންމު ބައެއް މައުލޫމާތުތައް ސާފުކުރުމަށް ވަނީ އެދިފަ އެވެ.

ކުޑޫ ވަނީ އެމްޓީސީސީ އަށް ބޭނުންވާ މުދާ ހޯދުމަށް ސަޕްލަޔަރުންނަށް އިންކުއަރީ ފޮނުވަނީ ހަމައެކަނި ކުންފުނީގެ ސަޕްލަޔަރުންގެ ދަފްތަރުގައި ހިމެނޭ ފަރާތަކަށް ކަމަށް ބުނާތީ ދައުވަތު ފޮނުވި ސަޕްލަޔަރުންނާއި ކުންފުނީގެ ސަޕްލަޔަރުންގެ ދަފްތަރު އެއްކުރެވުނު ތާރިޚު ވަކިވަކިން ސާފުވާނެ ގޮތަށް ހޯދުމަށް އެދިވަައިގަންނަވާފަ އެވެ.