މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުންވެސް ފިޔަވަޅުތަކެއް އަޅައިފި އެވެ.
ޕީޖީ އޮފީހުން ބުނީ މި ފިޔަވަޅުތައް އަޅަން ނިންމީ މެދުއިރުމަތީގައި
ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ
މައްސަލަތަކާ ވިދިގެން ދިވެހިރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ދިވެހި
ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި 7 އެޕްރީލް
2026 އިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ
ތެރޭގައި ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ
ދުވަހެއް ގޮތުގައި ހަމަޖެއްސުމާއި، ރަސްމީ ބައްދަލުވުންތައް
އޮންލައިންކޮށް ބޭއްވުމާއި، އޮފީސް ހުޅުވާފައި ހުންނަ ވަގުތު
މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުމުގެ އިތުރުން، ކަރުދާސް
ބޭނުންކުރުން މަދުކުރުމާއި، އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން
ހިމެނެ އެވެ.
މީގެ އިތުރުން، މި މުއްދަތުގައި ކޮންމެ އަންގާރަ
ދުވަހަކު އެ އޮފީހުގެ މުވައްޒަފުން ޢާންމު އުޞޫލެއްގެ ގޮތުން ގޭގައި ތިބެގެން
މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ
މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެކަން އެ އޮފީހުން ވަނީ
ފާހަގަކޮށްފަ އެވެ.
އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިރުވެ، ރަސްމީ
ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ
ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން
ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް
ހާޒިރުވެގެން ކުރިއަށް ގެންދާނެކަމަށްވެސް ވަނީ ބުނެފަ އެވެ.
ޕީޖީ އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ
ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ
ފަހުން ގޭގައި ކުރެވެންހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް
ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ވަނީ
ހަމަޖެހިފަ އެވެ.
ޕީޖީ އޮފީހުން ބުނީ، މި ބަދަލުތަކުގެ ސަބަބުން މި
އޮފީހުން ޢާންމުންނަށް ނުވަތަ އިދާރާތަކަށްދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް
ނުވަތަ ލަސްކަމެއް ނާންނާނެކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން ދުވަސްތަކެއް
ވެފައިވާއިރު، އިންތިޚާބުތަކަށްފަހު ކުއްލި ގޮތަކަށް ޚަރަދު ކުޑަކުރުމަށްކަމަށް
ބުނެ ދައުލަތުން ފިޔަވަޅުތައް އަޅަމުންދާތީ އެތައް ބަޔަކު ގެންދަނީ ސަރުކާރުގެ
އިޤްތިސާދީ އަދި މާލީ ސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ.