ސަރުކާރުގެ އިތުބާރެއް ނެތް ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށާއި ދެން ރަނގަޅީ އިސްތިއުފާ ދެއްވުން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
އޭނާ އެފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި "ހޭވައްލާ ތައްޔާރު." ކާމިޔާބީ ފާހަގަކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރު ބޮޑުތަނުން ބަލިވެފައިވާ ކަމަށާއި، 70 ޕަސެންޓު ރައްޔިތުން ނޫނެކޭ ބުނުމުން ސަރުކާރަށް އިތުބާރު ނެތްކަން ވަރަށް ބޮޑަށް ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ދުނިޔޭގެ އެހެންތަންތަނުގައި ވެސް އެފަދަ ނަތީޖާ އެއް ފެންނަ ނުފެންނަ ވޯޓެއްގައި ލިބިއްޖެ ނަމަ އިސްތިއުފާ ދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ޣަފޫރު ވަނީ ކުރިއަށް އޮތްތަނުގައި އެކުވެރިވެ އެ ޕާޓީ އިން އިތުރަށް ވަރުގަދަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް ފާހަގަކުރައްވާފަ އެވެ.
"އަޅުގަނޑު މަސައްކަތް ކުރާނީ އަބަދުވެސް ހައްގަށް، އިންސާފަށް،. އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީގައި ވޯޓުދިން އެންމެންނަށް އިޚުލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަން." ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ޣަފޫރު ވިދާޅުވި އެވެ.
ސަރުކާރުން ދިވެހި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަމުންދާ ކަމަށް ރައްޔިތުން ބުނެފައިވާ ކަަމަށާއި މި ތަނުގައި ގާނޫނީ ވެރިކަމެއް ނުހިނގާ ކަމަށް ރައްޔިތުންގެ މެސެޖުގައި ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ސަރުކާރުން ކޮރަޕްޝަން ހިންގަމުންދާ ދިއުމާއި ވެސް ރައްޔިތުން ދެކޮޅުކަން އަންގާދީފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ހަމައެހެންމެ ސަރުކާރުން، ކޯޓުތަކަށް އަތް ބާނަމުންދިއުމުން އެކަމަށް ވެސް ރައްޔިތުން ބުނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިމިދިޔަ އިންތިޚާބުތަކުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އެމްޑީޕީން ވަނީ 46 ގޮނޑި ކާމިޔާބުކޮށްފަ އެވެ.