ޔޫއޭއީގައި ރާއްޖެ ތަމްސީލްކުރައްވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، ޖެނީވާ އަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަޤާމުން ވަކިކޮށްފި އެވެ.

އެ ދެ ބޭފުޅުން ވެސް މަޤާމުން ވަކި ކުރީ ހޯމަ ދުވަހު އެވެ. 

މި ދެ ބޭފުޅުން މަގާމުން ވަކިކޮށްފައި މިވަނީ، ސަރުކާރު ހިންގާ ޕީއެންސީއަށް ވޯޓު ނުދިނުމަށް ހިތްވަރުދީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވާހަކަދައްކަވާ އޯޑިއޯއެއްގެ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. މިހާރު މަޤާމުން ވަކިކޮށްފައިވާ މުންދުއަކީ އަސްމާގެ ދަރިކަލުންނެވެ. މީގެ އިތުރުން ސަލްމާއަކީ އަސްމާގެ ކޮއްކޮއެވެ.

ލީކުވެފައި ވަނީ އަސްމާ އާއި ޒުވާނަކާ ދެމެދު ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ. އެގޮތުން އެ ވާހަކައިގެ ރެކޯޑިންގ އެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ އޯޑިއޯގައި އަސްމާ ވަނީ ސަރުކާރަށް ވެސް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި މަތީ މަޤާމެއްގެ ވަޒީފާއެއް ހަމަ ނު ޖެހެނީސް ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް ވެސް އެ ޒުވާނާއަށް ތަކުރާރުކޮށް ދަންނަވާފައިވެއެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި މި އޯޑިއޯ ލޯކުވުމާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިންތު ހުސައިން ޝަރީފު ވެސް މަގާމުން ވަކިކުރުން އެކަށީގެންވެ އެވެ. 

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ބައެއް މަޖިލިސް މެންބަރުންނާއި މިނިސްޓަރުންނަށް ވެސް ބައެއް ފިޔަވަޅުތައް އެޅުން އެކަށީގެން ވެ އެވެ.