އޭޕްރީލް 4 ވަނަ ދުވަހު ކުރިއަށް ދިއަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ޚިޔާލު ހޯދުމަށް ނެގުނު އިންތިޚާބު ތަކަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އިންތިޒާމު ދަށް، ރޭވުންތެރިކަމެއް ނެތް އިންތިޚާބު ކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފި އެވެ.

އިންތިޚާބުތަކާ ބެހޭ ގޮތުން އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ، މި އިންތިޚާބުގެ ކަންކަން ތަރުތީބުވެގެން އައި ގޮތާ މެދު ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމްޑީޕީ އިން ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުން ކަމަށެވެ. 

ވަހީދު ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަވީ އިލެކްޝަންސް ކޮމިޝަންގެ އަމަލުތައް ކަމަށެވެ. އެގޮތުން އެ ކޮމިޝަނުން ސަރުކާރަށް ތަބާވެ މި އިންތިޚާބުގައި ގިނަ ރައްޔިތުންނަށް ވޯޓު ނުލެވޭނެ ގޮތަށް އިންތިޒާމުތައް ރޭވި ކަމަށާއި ޚާއްޞަކޮށް، ރާއްޖެއިން ބޭރުގައި ފޮށިތައް ނުބަހައްޓަން ނިންމުމާއެކު އެމްޑީޕީ އިން ދިޔައީ އެ ކަންބޮޑުވުން ފާޅުކުރަމުން ކަމަށެވެ.

މި އިންތިޚާބު ނިމިގެން ދިޔަ އިރު އަޅުގަނޑުމެންނަށް މި ފެނިގެން ދިޔައީ ދިވެހިރާއްޖޭގެ ތާރީޚުގަ ވެސް އެންމެ އިންތިޒާމު ދަށް، ރޭވުންތެރިކަން ނެތް އޮޅުންބޮޅުން އޮތް އިންތިޚާބެއްގެ ގޮތުގައި. އިންތިޒާމުތަކުގެ ތެރޭގަ. އިލެކްޝަންސް ކޮމިޝަންގެ ތައްޔާރީތައް ވެފަ ހުރީ ސީދާ މި އިންތިޚާބު އިންސާފުވެރި ނުވާނެ މަގުން. އަޅުގަނޑުމެން މި ވާހަކަތައް ތާއަބަދު ދެއްކިން. ވަކިން ޚާއްސަކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ފަރާތުން ފެނިގެން ދިޔައީ މި ދެންނެވި ގޮތަށް އަމަލުތައް ބެހެއްޓިތަން. 
ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު 

ވަހީދު ވިދާޅުވީ އިންތިޚާބަށް 24 ގަޑިއިރަށް ފެވައި ވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވަނީ ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލުކުރައްވައި ވޯޓުލާން ތިބި މީހުންނަށް ވޯޓު ނުލުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވާފައި ކަމަށެވެ. 

މިކަމުން ސާފުވީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ހުންނެވީ ސަރުކާރުގެ ސީދާ ނުފޫޒާ ބާރުގެ ދަށުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  

އޭގެ އިތުރުން ޒާހިދު ވަނީ ސަރުކާރަށް މި އިންތިޚާބު ކަމިޔާބު ކޮށްދިނުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ގެ ހައިސިއްޔަތުން ކުރެވުނު ހުރިހާ މަސައްކަތެއް ކުރައްވާފައި ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. އެގޮތުން މުޅި އިންތިޒާމުތައް ގަޑުބަޑު ކޮށްގެން އެ ބޭފުޅުން އަމަލުކުރަން މަސައްކަތް ކުރާ ކަމަށް ބުނެ ސީދާ އެ ކޮމިޝަންގެ ބޭފުޅުން މައުލޫމާތު ދެމުންދާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. 

ވަހީދު ވިދާޅުވީ އެހެންކަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސަށް ދަންނަވަން އޮތީ މަގާމުގެ މަސްއޫލިއްޔަތު ގާނޫނުގަ އެ ބުނާ މުސްތައްގިލު މުއައްސަސާ އެއްގެ ގޮތުގައި ހިންގޭނެ ކަމުގެ ފުރުސަތު ނުދެވޭނަމަ މަގާމުން ދުރަށް ޖެހިވަޑައިގަތުމަށް ކަމަށެވެ.