އިންތިޚާބުތައް ނިމުމާއެކު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްދަޅުގެ އަގަށް ބަދަލު ގެނެސްފި އެވެ.

މިފްކޯއިން އެކަން ހާމަކޮށް ބުނީ، މި ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ. 

މިފްކޯއިން ފާހަގަ ކުރާ ގޮތުގައި މާރިޗް މަހުގެ ކުރިން 11.57ރ. އަށް ‏އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.32ރ. އަށް އަގުބޮޑުކޮށެވެ.

އެހެންކަމުން މިފްކޯއިން މިހާރު މި ބަދަލާއެކު، ތެޔޮ މަސްދަޅެއް ވިއްކުމަށް ހަމަޖެހިފައިވަނީ 18.50ރ. އަށެވެ. އަދި ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް ހަމަޖެހިފައިވަނީ 800ރ. އަށެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ އުފެއްދުންތެރިކަމުގެ ޚަރަދު ބޮޑުވެފައިވީނަމަވެސް ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށްކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. 

މިފްކޯއިން މަސްދަޅުގެ އަގު ބޮޑުކޮށްފައި މިވަނީ އިންތިޅާބުތައް ނިމުމާއެކު ސަރުކާރުން އެކިއެކި ޚިދުމަތާއި މުދަލުގެ އަގު ބޮޑުކުރާނެކަމަށް އެތައް ބަޔަކު ބުނެފައިވަނިކޮށެވެ.