ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 1.7 މިލިއަން ރުފިޔާއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ. 

ހޯމަ ދުވަހު ކަސްޓަމްސްއިން ބުނީ، ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އަތުލައިގަނެފައިވާ ކަމަށެވެ. 

މިމަހުގެ އެއްވަނަ ދުވަހު އަތުލައިގަތީ  2174 ގްރާމް ހަޝިޝް އޮއިލް ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. 

އޭގެ މަގުމަތީ އަގު 1.7 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ އެވެ. 

ކަސްޓަމްސްއިން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި، މި ތަކެތި ބަންދުކޮށްފައި ހުރީ ރަބަރު ކޮތަޅެއްގައި ކަރުދާހުގެ ތެރޭގަ އެވެ. އަދި ބޭރުން ޕްލާސްޓިކް އޮޅާވެފައިވެ އެވެ.

މި ތަކެތި ރާއްޖެ އެތެރެކުރީ ކޮން ފަރާތަކުން ކަމެއް ކަސްޓަމްސް އަދި ފުލުހުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި މިއީ ކޮން ގައުމަކުން ރާއްޖެއަށް ގެނައި ތަކެއްޗެއް ކަމެއް ވެސް ހާމަ އެއް ނުކުރެ އެވެ.

ދޭތެރެދޭތެރެއިން ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑު މަގުން އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ އެވެ. މި ފަހުން ވެސް ވައިގެ މަގުން އެތެރެކުރަން އުޅުނު 2.2 ކިލޯ ހެރޮއިންނާއި، ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަދި ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯ އަށްވުރެ ގިނަ ކެނަބިސް ފަތް ހިފަހައްޓާފައިވެ އެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް އެތެރެ ކުރާ ވޭޕް އާއި ސިނގިރޭޓް ވެސް އަތުލައިގަނެ އެވެ. 

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފަ އެވެ. މި ބިލުގައި ވާގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރަށް ރާއްޖެ އެތެރެ ކޮށްފި ނަމަ މަރުގެ އަދަބު ދެވޭނެ އެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބަދަލުކުރި ނަމަވެސް، މަރުގެ އަދަބު ރާއްޖޭގައި ދެވޭނެ ކަމާ މެދު ގިނަ ފަރާތްތަކަކުން ސުވާލު އުފައްދަ އެވެ.