ރައްޔިތުންނަށް ކަމެއް ކޮށްދެއްވުމުގެ ބަދަލުގައި މިއަދުގެ
ރައީސް ޑރ މުޙައްމަދު މުއިއްޒު އަވަދިނެތި އުޅުއްވަނީ ލިބިފައިވާ ވެރިކަމުގެ ބާރު
ދެމެހެއްޓޭނެ ގޮތްތައް ހޯއްދެއްވުމަށްކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް
ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ
ދައްކަވަމުން އާޒިމް ވިދާޅުވީ، ނިމިދިޔަ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ވަރަށް
ގިނަ ދިވެހި ރައްޔިތުންނާ ބައްދަލުވެފައިވާ ކަމަށާއި، ހުރިހާ ރައްޔިތުންވެސް
ފާހަގަކުރާ އެއް ކަންބޮޑުވުމަކީ މިއަދު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު
މުއިއްޒަށް ރައްޔިތުންގެ ޙާލަތު އެނގިވަޑައިނުގަންނަވާކަމުގެ ކަންބޮޑުވުން
ކަމަށެވެ.

އާޒިމް ވިދާޅުވީ، ރައީސް އުޅުއްވަނީ އެމަނިކުފާނުގެ
އަމިއްލަފުޅު ކަންކަން ފުއްދެވުމުގައި ކަމަށާއި، ރައްޔިތުންގެ ތަކުލީފުތަކާއި
ދަތިތަކަށް ޙައްލު ހޯދުމަށް މި ސަރުކާރުން މަސައްކަތެއް ނުކުރާ ކަމަށެވެ. އެގޮތުން
މިއަދުގެ ރައީސް އުޅުއްވަނީ ރައްޔިތުންނަށް ކަމެއް ކޮށްދެއްވުމުގެ ބަދަލުގައި ލިބިފައިވާ
ވެރިކަމުގެ ބާރު ދެމެހެއްޓޭނެ ގޮތްތައް ހޯއްދެއްވުމަށް އަވަދިނެތިކަން އާޒިމް ފާހަގަ
ކުރެއްވި އެވެ.

މާ ބޮޑަށް އެ ލިބުނު ބާރެއް ދެމެހެއްޓުމަށްޓަކައި، އިއްޒަތާ ޤަދަރު ދެމެހެއްޓުމަށްޓަކައި އުޅޭކަހަލަ ގޮތަކަށް އުޅެމުން ދިޔަތަން ފެނިގެން މި ދިޔައީ، އަސްލު ވެރިކަމަށް ރައްޔިތުން މީހަކު ގެންނަނީ އެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭތޯ.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް 

އާޒިމް އިތުރަށް ވިދާޅުވީ، މިދިޔަ ސަރުކާރުން ހިއްކާފައިވާ
ތަންތަނުގައި ދިރިއުޅެވޭނެ ގޮތްތައް ހެދުމަށް މި ހިނގަމުންދާ ސަރުކާރުގައި
ސަމާލުކަމެއް ދީފައިނުވާ ކަމަށާއި، އެކަން ކުރިނަމަ އެތައް ބަޔަކަށް
ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުން އުޅެނީ ރަސްމާލެ
ހިއްކުމުގެ ނަމުގައި ބޮޑެތި ޚަރަދުތަކެއް ކުރުމަށްކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ އެމްޑީޕީއަށް ވޯޓު ދިން ހުރިހާ
ރައްޔިތުންނަށްވެސް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމްޑީޕީން ވައުދުތައް ފުއްދާނެކަމުގެ
ޔަޤީންކަން އާޒިމް ދެއްވި އެވެ.