ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް
މަސައްކަތް ކުރާ ކޮމިޓީ އަދި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ ޖޯޝާއި ފޯރި
އިތުރުކުރުމަށް ރާއްޖެޓީވީން އިސްނަގައިގެން އުފެއްދި "އުއްމީދެއްގާ
އަލުން" ލަވައަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.
އާ ފެށުމަކާއި، ސާބިތުކަމާއި، އަދި އެންމެންގެ އުންމީދުތަކާ
ގުޅިފައިވާ މެސެޖުތަކެއް މި ލަވައިން ގެނެސްދީފައިވާއިރު، މިއީ ސިޔާސީ ނުތަނަވަސްކަމާއި
މުހިންމު ނިންމުންތަކެއް ނިންމުމުގެ މަރުހަލާގައި ތިބި ރައްޔިތުންގެ ހިތްތަކާ ވަރަށް
ބޮޑަށް ގުޅުނު މެސެޖުތަކެކެވެ. މިއީ އާންމުކޮށް ފެންނަ ކެމްޕޭން ލަވަތަކާ ޚިލާފަށް،
އާންމުންނާ ގާތް އަދި ޤައުމީ ޖޯޝު ހުރި ލަވައަކަށް ވުމުން، ވަކި ސިޔާސީ ފިކުރަކަށް
ބެލުމެއް ނެތި އެންމެންނަށްވެސް މި ލަވަ ބަލައިގަނެވުނެވެ.
މި ލަވަ އުފެއްދުމުގައި ރާއްޖެޓީވީން ބޮޑަށް
ވިސްނާފައިވަނީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ކަމުދާނެ، އަދި ލަވައިގެ މިއުޒިކާއި
ޅެން އަޑުއިވުމުން ސިޔާސީ ފޯރިއާއި ޖޯޝު އިތުރުކުރުވާނެ ގޮތަކަށް ލަވަ އުފެއްދުމަށެވެ.
ލަވައިގެން ޅެން ތައްޔާރުކޮށްފައިވަނީ ރާއްޖެޓީވީގެ
ޕްރޮގްރާމް ހެޑް، އާމިރު ސަލީމް (ހޯރަފުށި) އެވެ. މި ޅެމާއި ގުޅޭގޮތުން ސުވާލުކޮށްލުމުން
އާމިރު ސަލީމް ބުނީ، ލަވައިގެ ޅެން ހެދުމުގައި ބޮޑަށް ވިސްނީ ރާއްޖެޓީވީގެ
މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސަލީމް ބޭނުންފުޅުވި ގޮތަށް ޤައުމީ ޖޯޝު އުފެދޭނެ
ފަދަ ބަސްތަކެއް ބޭނުންކޮށްގެން، ހުރިހާ އުމުރެއްގެ މީހުންނަށްވެސް ފަސޭހައިން
ފަހުމުވާނެ ތިލަ އިބާރާތުން ޅެން ހެދުމަށެވެ. އަދި ޅެންވެރިކަމުގެ ހަމަތަކަށްވެސް
ޅެން ހެދުމުގައި ސަމާލުކަން ދީފައިވާނެ ކަމަށެވެ.
މި ޅެމަކީ އަޅުގަނޑު ހަދާފައިވާ ޤައުމީ އަދި ސިޔާސީ ޅެންތަކުގެ ތެރެއިން އެންމެ ހިތްހަމަޖެހޭގޮތަށް، އެންމެ ހިމުންކޮށް ހެދުނު ޅެން، އަދި މިއީ ލަވައިގެ މައުޟޫކަމުގައިވާ "އުއްމީދެއްގާ އަލުން" މި މައުޟޫއަށް އެންމެ ބޮޑަށް ފައްތާލެވުނު އެއް ޅެން.ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް، އާމިރު ސަލީމް (ހޯރަފުށި)
މި ލަވައިގެ އޯޑިއޯ މަސައްކަތް ކޮށްފައިވަނީ ހަބޭސް
ސްޓޫޑިއޯގައެވެ. ލަވަ ކިއުމުގައި މަޝްހޫރު ބައެއް ލަވަކިއުންތެރިންގެ އިތުރުން، ލަވަ
ކިއުމުގެ ދާއިރާއަށް އަލަށް ނުކުމެފައިވާ ފަންނާނުންވެސް ބޭނުންކޮށްފައިވެއެވެ.
ލަވައިގެ ވީޑިއޯ ޑައިރެކްޓް ކޮށް އެޑިޓްކޮށްފައިވަނީ
ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރ ރަވީ ފާރޫޤެވެ.
މި ލަވަ މީސްމީޑިއާގައި ފެތުރިގެންދިޔައީ ވަރަށް ހަލުވިކަމާއެކުގައެވެ.
ޓިކްޓޮކް އެޑިޓްތަކާއި، އިންސްޓަގްރާމް ރީލްސް އަދި ކެމްޕޭން ވީޑިއޯތަކުގައި މި ލަވަ
ބޭނުންކުރަން ފެށުމާއެކު، މިއީ އިންތިޚާބީ މޫސުމުގެ ރަސްމީ "ބެކްގްރައުންޑް މިއުޒިކް"
ކަމުގައި ވެގެންދިޔައެވެ. ސިޔާސީ އެކްޓިވިސްޓުންނާއި، ސަޕޯޓަރުންގެ އިތުރުން ވަކި ފަރާތަކަށް
ނުޖެހޭ އާންމުންވެސް އެމީހުންގެ ޚިޔާލު ފާޅުކުރުމަށް މި ލަވަ ބޭނުންކޮށްފައިވާއިރު،
މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެންމެ ބޮޑަށް ފެތުރިގެންދިޔަ ސިޔާސީ ލަވަ އެވެ.
މީގެ އިތުރުން، މި ލަވައިގެ މަގުބޫލުކަން ވަކި އުމުރުފުރައަކަށް
ހަނިވެފައި ނުވާކަން ފާހަގަކުރެވެ އެވެ. ޒުވާން ވޯޓުލުންތެރިންނާއި، ތަޖުރިބާކާރު ސިޔާސީ
ބޭފުޅުންގެ އިތުރުން އާންމު ރައްޔިތުންވެސް މި ލަވަ ބަލައިގަތުމުން، މީގެ ސަގާފީ ނުފޫޒު
ފެނިގެންދިޔަ އެވެ.
މި ލަވައިން ހާމަވެގެންދިޔަ އަނެއް ކަމަކީ، ރާއްޖޭގެ
ސިޔާސީ މުއާމަލާތްތަކަށް އަންނަމުންދާ ބަދަލުތަކެވެ. މިހާރު އާންމުންގެ ސަމާލުކަން
ހޯދުމަށް ހަމައެކަނި ޖަލްސާތަކާއި ތަގުރީރުތަކަށް ބަރޯސާވެވޭކަށް ނެތެވެ. ސިޔާސީ ވާހަކަތައް
ބައްޓަންކުރުމުގައި މިއުޒިކާއި، މަންޒަރުތަކާއި، އަދި ޑިޖިޓަލް ވަސީލަތްތަކުން ކިޔައިދޭ
ވާހަކަތައް މިހާރު ވަނީ މުހިންމު ދައުރެއް އަދާކުރަން ފަށާފައެވެ. "އުންމީދެއްގައި
އަލުން" އަކީ އެކަމުގެ ނަމޫނާއެކެވެ.
މީގެ އިތުރުން، ސިޔާސީ ބޭފުޅުންނާއި ޒުވާނުންގެ ފަރާތުން
މި ލަވައަށް ލިބުނު ބޮޑު ތަރުހީބުން ދޭހަވަނީ، ތަފާތު ޖީލުތަކާއި ފިކުރުތަކުގެ މެދުގައި
ހުރި ފަރަގު ކުޑަކުރުމުގައި މި ލަވަ ކާމިޔާބުވެފައިވާ މިންވަރެވެ.
މި ލަވައިގެ ނުފޫޒުން އެނގިގެންދިޔައީ، ޒަމާނީ ދިވެހި
ސިޔާސީ މައިދާނުގައި ނުފޫޒު ފޯރުވުމަކީ ހަމައެކަނި ތަގުރީރުތަކާއި މެނިފެސްޓޯތަކަށް
ހަނިވެފައިވާ ކަމެއް ނޫން ކަމެވެ. އެ ނުފޫޒަކީ މިއުޒިކާއި، ލަވައިގެ ބައިތުތަކާއި،
އަދި ރައްޔިތުންގެ އެކުވެރި އަޑުންވެސް އުފެއްދިދާނެ އެއްޗެއްކަން މި ލަވައިން ވަނީ
ސާބިތުކޮށްދީފައެވެ.