ދިވެހި ވަތަނީ ޚިދުމަތުގެ ތިން ވަނަ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު ޑިފެންސް މިނިސްޓްރީން އިތުރު ކޮށްފި އެވެ. 

ޑިފެންސް މިނިސްޓްރީން ބުނީ، ދިވެހި ވަތަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަަމަށާއި، ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފައިވާ ކަަމަށެވެ.

އެގޮތުން 7 އޭޕްރީލް 2026 ވަނަ ދުވަހު މެންދުރުފަހު 2:00ގެ ކުރިން ފޯމް ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

3 މަސް ދުވަހަށް ކުރިއަށް ގެންދާ މިޕްރޮގްރާމްގައި ބައިވެރިވެވޭނީ ފުރިހަމަ ސިއްހަތެއްގައި ހުރުމާއެކު، އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ މީހުންނަށެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް މި ޕްރޮގްރާމްގައި ބައިވެރިކުރެވޭނީ، މި ޚިދުމަތުގައި ބައިވެރިވުމާއިމެދު އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގައި ވާނަމަ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

 ވަތަނީ ޚިދުމަތުގެ ތިން ވަަނަ ޕްރޮގްރާމުގެ ތަަމްރީން ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ތެރޭގަ އެވެ. 

ތަމްރީނު ހިންގާނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު ޅ.މާފިލާފުށިގަ އެވެ.

ޑިފެންސް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، މިޕްރޮގްރާމަށް ގިނަ ޒުވާނުންގެ ތަރުހީބު ލިބެ އެވެ. 

ފުރަތަމަ ބެޗުން، 344 ޒުވާނުން ތަމްރީނުވެ މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު ދަސްވެނިވެފައިވެ އެވެ. އަދި ދެވަނަ ބެޗްގެ ތަމްރީނުތައް މިހާރު ދަނީ ކުރިއަށެވެ.