ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ އާ "ރިޕެއާ" ސްކޭމަކަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސް ކޮށްފި އެވެ.

ހޯމަ ދުވަހު ފުލުހުން ބުނީ، ފޭސްބުކް މާކެޓްޕްލޭސް ފަދަ ވަސީލަތްތައް މެދުވެރިކޮށް މުދާ ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެން އާ އުކުޅެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. 

ސްކޭމް ހިންގާ ގޮތާ ގުޅޭގޮތުން ފުލުހުން ބުނީ، ސްކޭމަރުން އެންމެ ފުރަތަމަ ބަލަނީ މާކެޓްޕްލޭސްގައި ސޯލްޑް ނުވަތަ ވިއްކާލެވިފައިވާ ކަމަށް ޖަހާފައިވާ ތަކެއްޗެއް ކަމަށާއި، މުދާ ވިއްކި ފަރާތަށް ގުޅައި ނުވަތަ މެސެޖުކޮށް، އެ މުދަލަކީ އެމީހުން މަރާމާތު ކުރި އެއްޗެއް ކަމަށް ބުނެ އިތުބާރު ހޯދާ ކަމަށެވެ. އަދި މުދާ މަރާމާތުކޮށް ނިންމާފައިވާ ކަމަށް ބުނެ، އެކަމުގެ އުޖޫރަ ނުވަތަ ރިޕެއަރ ފީ ދެއްކުމަށް އެދޭ ކަމަށާއި، ބައެއް ފަހަރު ފޭކް ރިސިޕްޓް ނުވަތަ އިންވޮއިސް ވެސް ދައްކާ ކަމަށް ފުލުހުން ބުނެ އެވެ. 

މިފަދަ ކަންކަމުން ސަލާމަތްވުމަށް އިތުރަށް ސަމާލުވާން ޖެހޭކަން ފާހަގަކޮށް ފުލުހުން ބުނީ، ކުރިން ނުދަންނަ ފަރާތްތަކަށް ފައިސާ ފޮނުވައިގެން ނުވާނެ ކަމަށެވެ. އަދި މުދަލެއް މަރާމާތުކުރަން ތިމާ އަމިއްލައަށް ހަވާލުނުކުރާ ފަރާތަކުން ފައިސާއަށް އެދުނަސް އެއްވެސް ފައިސާ ނުފޮނުވުމަށް އެދިފައިވެ އެވެ. 

ފުލުހުން ބުނީ މިފަދަ މުއާމަލާތް ހިންގާއިރު މައުލޫމާތު ކަށަވަރު ކުރަން ޖެހޭ ކަމަށާއި، މަރާމާތުކުރި ކަމަށް ބުނާ ފަރާތަކީ ކޮބައިކަމާއި، އެފަރާތާ މުދާ ހަވާލުކުރީ ކާކުތޯ ސުވާލުކޮށް ކަށަވަރު ކުރަން ޖެހޭ ކަމަށެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، ބޭންކް އެކައުންޓް ނަންބަރު ޗެކް ކުރަން ޖެހޭ ކަމަށާއި، ފައިސާ ފޮނުވަން ބުނާ އެކައުންޓަކީ މީގެ ކުރިން ސްކޭމްގެ ރިޕޯޓް ލިބިފައިވާ އެކައުންޓެއްތޯ ބަލަން ޖެހޭ ކަމަށެވެ. 

ސްކޭމަރުން އާ އުކުޅުތައް ބޭނުން ކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާއިރު، ރާއްޖޭގައި އޮންލައިން ސްކޭމްތަކުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. 

ތަފާސްހިސާބުތައް ދައްކާ ގޮތުން އެންޓި ސްކޭމް ސެންޓަރަށް 17 މާރިޗު 2025 އިން 17 މާރިޗު 2026 އާ ހަމައަށް ޖުމުލަ 2,259 މައްސަލަ ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން 50 އިންސައްތަ އަކީ، އީ-ކޮމާރސް ނުވަތަ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި މައްސަލަތަކެވެ. އަދި ދެވަނަ އަށް އެންމެ ގިނައީ، ކަރެންސީ އެކްސްޗޭންޖު ނުވަތަ ރުފިޔާ މާރުކުރުމުގެ ތެރެއިން ހިންގާފައިވާ ސްކޭމްތަކެވެ. 

ފާއިތުވި އެއް އަހަރު ތެރޭގައި ސްކޭމްތަކުގެ ސަބަބުން ޖުމުލަ 27,564,410 ރުފިޔާ ގެއްލިފައިވާއިރު، މީގެތެރެއިން 10,190,879 ރުފިޔާ އަނބުރާ ހޯދާފައިވެ އެވެ.