ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ކުރިއަށް ގެންދިއަ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް މޮޅު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކޮށްފި އެވެ. 

ދ. މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކޮށްފައިވަނީ ޕީއެންސީ ގެ ކެންޑިޑޭޓް ސުހާ އިބްރާހިމް، އެމްޑީއޭ ގެ ކެންޑިޑޭޓް މުހައްމަދު ޝާހިދު އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހިމް ނަސީމް އެވެ. 

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ކުރިއަށް ދިއަ އިންތިޚާބުގެ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާތަކުން އެމްޑީއޭ ގެ ކެންޑިޑޭޓް އަދި ޕީއެންސީގެ ކެންޑިޑޭޓް އަށް ވޯޓު ލިބިފައިވަނީ ދާދި އެއްވަރަކަށެވެ. އެގޮތުން މީދޫ 2 ނަންބަރު ވޯޓު ފޮށިން  ސުހާ އިބްރާހިމް އަށް ލިބިފައިވަނީ 115 ވޯޓެވެ. އަދި މުހައްމަދު ޝާހިދު އަށް 127 ވޯޓު ލިބިފައިވާއިރު 1 ނަންބަރު ވޯޓު ފޮށިން ސުހާ އަށް ލިބިފައި ވަނީ 136 ވޯޓެވެ. ޝާހިދަށް ލިބުނީ 135 ވޯޓެވެ. 

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކާ ގޮތުގައި އެ ފޮށިތަކުގެ އިތުރުން ވެސް އެހެނިހެން ފޮށިތައް ހިމެނޭހެން ހުރިހާ ފޮށްޓަކުން ސުހާ އަށް ލިބިފައިވަނީ ޖުމްލަ 377 ވޯޓެވެ. އަދި ޝާހިދު އަށް ލިބިފައިވަނީ 367 ވޯޓެވެ. ނަމަވެސް މި ވޯޓުތަކުގެ ސައްހަކަމާމެދު އެމްޑީއޭގެ ފަރާތުން ވަނީ ސުވާލު އުފައްދާފަ އެވެ.

މިކަމާ ގުޅިގެން ރާއްޖެޓީވީ އަށް މައުލޫމާތު ދެއްވަމުން އެމްޑީއޭ ގެ އޮބްޒާވަރަކު ވިދާޅުވީ ވޯޓު ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށެވެ. އެގޮތުން ލ. ފޮނަދޫ ގައި ވާ މީދޫ މީހުން ވޯޓު ލުމަށް ހަމަޖެހިފައިވާ ފޮއްޓަށް 4 މީހުން ވޯޓު ލާފައިވާ ކަމަށް އީސީގެ ވެބްސައިޓުން ދައްކާ ކަމަށާއި ވޯޓު ލާފައިވާ 4 މީހުން ވެސް ވޯޓު ލީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އަށް ކަމަށް ދައްކާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ވޯޓު ލާފައިވާ ކަމަށް ބުނާ އެކަކު ފޮނަދޫގައި ނުވެސް ނެތް ކަމަށާއި މީދޫގައި ހުރި މީހަކު ފޮނަދޫ ފޮށްޓަކަށް ވޯޓު ލާފައިވާ ކަމަށް އީސީގެ ވެބްސައިޓުގައި ވުމުން ކަންބޮޑުވާ ކަމަށް އޭނާ ބުންޏެވެ. މިއީ ވަރަށް ބޮޑު ވައްކަމެއް ކަމަށާއި ވޯޓު ލާފައިވާ ކަމަށް އީސީގެ ތަފާސްހިސާބުން ދައްކާ އެ މީހާ ވޯޓު ނުވެސް ލާ ކަމަށް އަމިއްލަ އަށް ވެސް ބުނެފައިވާ ކަމަށް އޮބްޒާވަރު ކިޔައިދިނެވެ. އެހެން ކަމުން ވޯޓުތަކުގެ އަދަދު ހާމަ ކުރުމުގައި ވަރަށް ބޮޑެތި މަކަރުތަކެއް ހަދައި، ޕީއެންސީގެ ކެންޑިޑޭޓް ސުހާ މޮޅު ކުރަން މަސައްކަތް ކޮށްފައިވާ ކަން ހާމަވާ ކަމަށް ވެސް އޭނާ ބުންޏެވެ.

100 އިން ސައްތަ އިން ލ. ފޮނަދޫ ފޮށިން ސުހާ އަށް ކާމިޔާބުވެފައިވާ ކަމަށް. އެކަމު މިއަދު އަޅުގަނޑުމެން މި ޔަގީން ކުރަނީ  އިލެކްޝަންސް ވެބްސައިޓް ވެސް ބަލާފަ އެތަނުން ފޮނަދޫ ފޮށްޓަށް ވޯޓު ލާފައިވާ ކަމަށް ބުނާ އެކަކު ހުރީ ދ. މީދޫގައި. އޭނަ ހުވާ ކޮށްފަ އެބަ ބުނޭ އޭނަ ވޯޓު ލާން ނުދާ ވާހަކަ. މިހާރު އެ މީހުން އެ ބަލަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓު ނުލާ ތިބި މީހުންގެ ނަމުގައި ވޯޓު ލަނީ މިހާރު.  ރަށުގައި ތިއްބައި ވޯޓު މި ލަނީ. ލ. ފޮނަދޫ ފޮށިން ދ. މީދޫގެ ނަތީޖާ އައިއިރުގަ އެ މީހާ ވެސް ވޯޓު ލީ ކަމަށް އިނީ ޕީއެންސީ ކެންޑިޑޭޓް ސުހާ އަށް. އޭނަ ލ. ފޮނަދޫ އަކަށް ނުދޭ. އެކަމު އެ ރަށަށް އޭނަ ވޯޓު ލާފަ އިން ކަމަށް އެބަ އިނދޭ. މި މައްސަލަ ޖެހިގެން މި އުޅެނީ. އެމީހުން ވައްކަން ކޮށްގެން ވޯޓުން ވައްކަން ކޮށްގެން ކެންޑިޑޭޓް ނަންބަރު 1 ކުރި ހޯދާފަ އޮތް ކަމަށް ވަނީ. އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓް ގަ. ވަކިވަކި މީހުންނަށް އެމީހުން ގުޅާ ކަމަށް ވެސް މައުލޫމާތު ލިބޭ މީހުން ވޯޓުލާން ދިއަތޯ ނުވަތަ ނުދޭތޯ ބަލައި ޔަގީން ކޮށްފަ އެމީހުން ވޯޓުލާން ނުދާ މީހުންނަށް މި އަންގަނީ ތިމީހުންގެ ނަމުގައި ފާހަގަ ޖަހާލަ ދޭނަމޭ. 
އެމްޑީއޭ ގެ އޮބްޒާވަރު

 ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ނަތީޖާ އިން ފެންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެމަނިކުފާނުގެ ޕާޓީ ޕީއެންސީ އަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމެވެ.  އެގޮތުން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ. މާލެ ސިޓީގެ ވިލިމާލެ ފިޔަވައި އެހެން ހުރިހާ ދާއިރާ ތަކެއްގެ ކައުންސިލް އެމްޑީޕީ އިން ކާމިޔާބު ކޮށްފައިވާއިރު، ފުވައްމުލައް ސިޓީ ކައުންސިލްގެ އެންމެ ގޮނޑިއެއް ވެސް ރައީސް މުއިއްޒުގެ ޕީއެންސީ އަށް ކާމިޔާބު ކުރެވިފައި ނުވެ އެވެ. 

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ބަލާއިރު ވެސް، ރާއްޖޭގެ ފަސް ސިޓީގެ އަންހެނުންގެ ކޮމެޓީގެ ރައީސާކަން ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީ އިންނެވެ. މީގެ އިތުރުން ކޮމެޓީގެ ގިނަ ގޮނޑި ތަކެއް ވެސް އެމްޑީޕީ އިން ވަނީ ކާމިޔާބު ކޮށްފަ އެވެ.