ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީތަކުން ޕީއެންސީއަށް ލިބުނީ އެންމެ 5 ގޮނޑި ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފި އެވެ. 

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވެރިކަން ކުރާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕީއެންސީއަށް ލިބުނީ އެންމެ 5 ގޮނޑި އެވެ. މީގެ ތެރެއިން ވެސް ގިނަ ގޮނޑިތައް ޕީއެންސީއަށް ލިބުނީ ހަނިގޮތަކަށެވެ. އެމްޑީޕީއަށް 46 ގޮނޑި ލިބުނު އިރު ހުރިހާ ސިޓީއެއްގެ މޭޔަރުން ވެސް ލިބުނީ އެމްޑީޕީ އަށެވެ. 

ވަގުތީ ނަތީޖާގައި ޕީއެންސީއަށް 5 ގޮނޑި ލިބުނު ނަމަވެސް ދާއިމީ ނަތީޖާ ހަމައަށްދާ އިރު މި އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. 

މާލެ ސިޓީ

ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ފޯރިގަދަ ކެމްޕޭނެއް ކުރި މާލެ ސިޓީގެ 17 ދާއިރާގެ ތެރެއިން 16 ދާއިރާއެއް އެމްޑީޕީ އިން ކާމިޔާބު ކުރީ ބޮޑު ތަފާތުންނެވެ. އެމްޑީޕީ އަށް ކާމިޔާބު ނުކުރެވުނީ ވިލިމާލެ ދާއިރާގެ ގޮނޑި އެކަންޏެވެ. 

  • ހުޅުމާލެ ދެކުނު - އަހުމަދު ޣާލިބު

  • މާފަންނު ހުޅަނގު - މުހައްމަދު ރިލްވާން އަލީ
  • މާފަންނު މެދު - އައިޝަތު ހަނާ
  • މާފަންނު ދެކުނު - އިބްރާހީމް ލަބާން ޝަރީފު
  • ހެންވޭރު ހުޅަނގު - ފާތިމަތު ސަހުލާ
  • މައްޗަންގޯޅި މެދު - ހައްވާ ޝިފާނާ
  • ހުޅުމާލެ މެދު - ސަފާއަތު އަހުމަދު ޒާހިރު
  • ހުޅުމާލެ އުތުރު - ފާތިމަތު ޒަހިއްޔާ
  • މެދު ހެންވޭރު - މީކާއީލް މުހައްމަދު ރިޔާޒު
  • ހެންވޭރު ދެކުނު - އާއިޝަތު ނާޒިމާ
  • ހެންވޭރު އުތުރު - ފާތިމަތު ލައިޒާ
  • ގަލޮޅު އުތުރު - އާމިނަތު އިރާޝާ މުހައްމަދު
  • ގަލޮޅު ދެކުނު - އިސްމާއީލް ހަލީމް
  • މައްޗަންގޮޅި އުތުރު - ޚަދީޖާ މުހައްމަދު
  • މައްޗަންގޮޅި ދެކުނު - ފަރުހާން ޝަފީއު
  • މާފަންނު އުތުރު - ހުސައިން ފުރުޝާން
  • މާލެ ސިޓީ މޭޔަރު - އާދަމް އާޒިމް

އައްޑޫ ސިޓީ

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީއަކީ ވެސް ފޯރިގަދަ ކެމްޕޭނެއް ކުރި އެވެ. އަދި ސަރުކާރުން އައީ އައްޑޫ ސިޓީ ބަދަލުކޮށްލާނެ ކަމުގެ ޔަގީންކަން ވެސް ދެމުންނެވެ. ނަަމަވެސް ސަރުކާރަށް ލިބުނީ އެންމެ ގޮނޑި އެކެވެ. އެއީ ހިތަދޫ މޫލެކެޑެ ގޮނޑި އެވެ. އީސީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މޫލެކެޑެ ގޮނޑި ކާމިޔާބު ކުރި އަހުމަދު ސައީދު އަށް ލިބުނީ 502 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 488 ވޯޓެވެ. މިއީ 14 ވޯޓުގެ ތަފާތެކެވެ. 

  • ފޭދޫ މާދެލެ - އިސްމާއީލް ސައީދު

  • ހިތަދޫ ކޮރޮވައު - އިބްރާހީމް ޝިނާޒު
  • ހިތަދޫ ބޭރުމަތި - މަރިޔަމް ސައީދާ
  • ހިތަދޫ މެދަވައު - މުހައްމަދު ޝުއާއު
  • ހިތަދޫ ރަސްގެދެރަ - ހުސައިން ޒަރީރު
  • ހިތަދޫ މާމެންދޫ - ޑރ. އާމިނަތު އަދާލާ ރަޝީދު
  • މަރަދޫ - ނުސްރަތު ރަޝީދު
  • މަރަދޫފޭދޫ - އަގީލް މުހައްމަދު
  • ފޭދޫ މަގުއްދޫ - އައިޝަތު ޒަހާ އަލީ
  • އައްޑޫ ސިޓީ މޭޔަރު - އަލީ ނިޒާރު

ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީ އިން މިފަހަރު ވެސް އެމްޑީޕީ އިން ވަނީ މެޖޯރިޓީ ނަގާފަ އެވެ. އެއް ގޮނޑި ފިޔަވައި އެހެން ހުރިހާ ގޮނޑި އެއް އެމްޑީޕީ އިން ވަނީ ނަގާފަ އެވެ. އެމްޑީޕީއަށް ނުލިބުނީ ހުޅަނގު އުތުރު ދާއިރާގެ ގޮނޑި އެވެ. 

  • އުތުރު - އަހުމަދު އަބްދުﷲ

  • މެދު އުތުރު - އަކްބަރީ މުހައްމަދު
  • މެދު ދެކުނު - މުހައްމަދު ޝައިމަން އާދަމް ސަލީމް
  • ހުޅަނގު - ރިލްވާން މުހައްމަދު
  • އިރު ދެކުނު - ސަލްމާ މުހައްމަދު
  • ކުޅުދުއްފުށި މޭޔަރު - މުހައްމަދު އާތިފް

ތިނަދޫ ސިޓީ

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އަލަށް އިންތިހާބުކުރާ ސިޓީ ކައުންސިލަކަށް ތިނަދޫ ސިޓީ ކައުންސިލް ވެގެންދާނެ އެވެ. ތިނަދޫ ސިޓީގައި ވެސް ފޯރިގަދަ ކެމްޕޭނަކާއެކު ވާދަވެރި އިންތިހާބެއް ދިޔަ އެވެ. ނަމަވެސް އެ ސިޓީގެ ރައްޔިތުން ވަނީ ސަރުކާރަށް ބޮޑުކޮށް ނޫނެކޭ ބުނެފަ އެވެ. ތިނަދޫ ސިޓީ އިން ޕީއެންސީއަށް ކާމިޔާބު ކުރެވުނީ ދެ ދާއިރާ އެވެ. އެއީ ހުޅަނގު ދެކުނު އަދި ދެކުނު މެދު ދާއިރާ އެވެ.

  • ހުޅަނގު އުތުރު - ނަސްރުﷲ އަލީ

  • އުތުރު މެދު - މުހައްމަދު ވިފާގު ހަސަން
  • އިރު އުތުރު - މާޒިނާ ހަސަން
  • އިރު ދެކުނު - އަހުމަދު ޝިޔާޒު ނައީމް
  • ތިނަދޫ މޭޔަރު - ސައުދު އަލީ

ފުވައްމުލައް ސިޓީ

ފުވައްމުލައް ސިޓީގެ އެއްވެސް ގޮނޑި އެއް ސަރުކާރަށް ކާމިޔާބު ނުކުރެވެ އެވެ. ފުވައްމުލަށް ސިޓީގެ 1 ދާއިރާ ފިޔަވައި ދެން ހުރި ހުރިހާ ދާއިރާއެއް އެމްޑީޕީ އިން ވަނީ ކާމިޔާބު ކޮށްފަ އެވެ. އެމްޑީޕީއަށް ނުލިބެނީ އެ ޕާޓީ އިން ވާދަ ނުކުރާ ހަމައެކަނި ދާއިރާ އެވެ. އެއީ ދަޑިމަގު ގޮނޑި އަށެވެ. 

  • ދިގުވާނޑު - ހަސަން ފިރުޝާން

  • ހޯދަނޑު - އައިޝަތު އިބްރާހީމް
  • މާދަނޑު - ފާތިމަތު މާޝާ
  • މިސްކިތްމަގު - ފާތިމަތު ލިރާރު
  • ފުނާޑު - އައިޝަތު އިނާޔާ
  • މާލެގަން - ހަދީޖާ މޫސާ
  • ދޫޑިމަގު - މަރިޔަމް ޒަހީނާ އަހުމަދު
  • ފުވައްމުލައް ސިޓީ މޭޔަރު - އިސްމާއިލް ރަފީގު

ރާއްޖޭގެ 5 ސިޓީގެ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީގެ މެންބަރުން ކާމިޔާބު ކުރި އިރު އެއީ މިވަގުތު ވެސް މޭޔަރު ކަމުގައި ތިބި ފަރާތްތަކެވެ. އަދި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ހުރިހާ މޭޔަރުންނަށް ވެސް މި އިންތިހާބުގައި 50 އިންސައްތައަށްވުރެ ގިނަ ވޯޓު ލިބިފައިވެ އެވެ.