ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާ އިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ އެވެ.

އެގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާ އަށް ބަލާއިރު، މިހާތަނަށް 130،919 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ރައީސް މުޢިއްޒު ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ. 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ރައީސް މުޢިއްޒު އަށް ލިބިވަޑައިގެންފައި ވަނީ، 129،159 ވޯޓެވެ. 

އެހެންކަމުން، އޭގެ ދެ އަހަރު ފަހުން ނެގުނު ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އިން ފެންނަނީ ރައީސް މުޢިއްޒު އަށް ރައްޔިތުންގެ ތާއީދު ނެތް ކަމެވެ.  ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ގާތް ގަނޑަކަށް 70 އިންސައްތަ ރައްޔިތުން މި ވަނީ ރައީސް މުޢިއްޒު އަށް ނޫނެކޭ ބުނެފަ އެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ނަތީޖާ އިން ވެސް ފެންނަން އޮތީ އެ މަންޒަރެވެ. އެގޮތުން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ. މާލެ ސިޓީގެ ވިލިމާލެ ފިޔަވައި އެހެން ހުރިހާ ދާއިރާ ތަކެއްގެ ކައުންސިލް އެމްޑީޕީ އިން ކާމިޔާބު ކޮށްފައިވާއިރު، ފުވައްމުލައް ސިޓީ ކައުންސިލްގެ އެންމެ ގޮނޑިއެއް ވެސް ރައީސް މުޢިއްޒުގެ ޕީއެންސީ އަށް ކާމިޔާބު ކުރެވިފައި ނުވެ އެވެ. 

އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ބަލާއިރު ވެސް، ރާއްޖޭގެ ފަސް ސިޓީގެ އަންހެނުންގެ ކޮމެޓީގެ ރައީސާކަން ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީ އިންނެވެ. މީގެ އިތުރުން ކޮމެޓީގެ ގިނަ ގޮނޑި ތަކެއް ވެސް އެމްޑީޕީ އިން ވަނީ ކާމިޔާބު ކޮށްފަ އެވެ.